މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީޑީސީ އިން މިހާރު ވަނީ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމައި، ޖަލްސާގެ ދައުވަތު ހިއްސާދާރުންނަށް ފޮނުވައިފައެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ ޖޫން 29 ވަނަ ދުވަހުގެ މެންދުރު 12 އާއި ހަމައަށް އެމްޓީޑީސީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކުރުމާއި އޮޑިޓަރުން އައްޔަނުކޮށް އުޖޫރަ ކަނޑައެޅުން އޮންނާނެއެވެ.

މިިދިޔަ އަހަރު އެމްޓީޑީސީ އަށް 1,537,905 ޑޮލަރުގެ ފައިދާއެއް ލިބުނެވެ. އެއީ ހިއްސާ އަކަށް 0.0451 ޑޮލަރެވެ. މިއަހަރުވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ވަނީ ނިންމައިފައެވެ.