މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯރަމަކީ ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ޑިވެލޮޕްމެންޓް ޕާޓްނަރުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނސްޓްރީ ގުޅިގެން ބާއްވާ ފޯރަމެކެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ފޯރަމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އެކުވެރި ގައުމުތަކުގެ އެހީ ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

"ންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" މި ތީމުގެ ދަށުން ބާއްވާ ފޯރަމަށް، ރާއްޖޭގެ ތަރަައްގީ އަށް ސަރުކާރުން ގެންގުޅޭ ޕްލޭންތަކާއި، އެ ޕްލޭންތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮޕޯޒަލްތައް ހުށަހަޅާނެއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެކުވެރި ގައުމުތަކާ ގުޅުން ބަދަހިނުކޮށް ގައުމަށް ތަރައްގީ ނާންނާނެ ކަމަށެވެ.

"ގައުމު އެކަނި ކުރާ މަސައްކަތުން ގައުމު ކުރިއަރައި ތަރައްގީއެއް ނާންނާނަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ރާއްޖެ އަށް ތަރައްގީ އަންނާނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ޑިވެލޮޕްމެންޓް ޕާޓްނަރުންގެ އެހީގައި. ގުޅިގެން ކުރާ މަސައްކަތުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްގީގެ ގިނަ ކާމިޔާބީތައް ހާސިލް ކުރެވިއްޖެ ކަމަށާއި ނަމަވެސް ކުރިމަތިވާ ގޮންޖެހުމަކީ އެ ތަރައްގީގެ ފޮނި މީރުކަން، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށް ނުދެވުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"ޖަޒީރާ ރާއްޖެ ގެ ނަމުގައި ރާއްޖެ ތަރައްގީ ކުރާނީ އެއްވެސް ރަށެއް ބާކީ ނުކޮށް. ހުރިހާ ރަށަކަށް ތަރައްގީގެ ރަހަ ލިބޭނެހެން،" މިބިސްޓަރު ވިދާޅުވީ މި ސަރުކާރުން އުފެއްދި ޕްލޭނިން މިނިސްޓްރީ އާއެކު ތަރައްގީގެ ޕްލޭންތައް އެކުލަވާލާ، ތަރައްގީގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.