16 Jun 2019, 19:31
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރު އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ފަރާތްތަކެއް ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނެވެ. އޭގެ ފަހުން އެ އަމުރު ނެރެން ސޮއިކުރި އަނެއް ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން އެ އަމުރު ބާތިލު ކުރަން އަމުރު ނެރުނު ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން މިއަދު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
އެކެއް ފެބުރުއަރީގެ އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ޖޭއެސްސީއަށް ހުށަހެޅި އެ ތިން ފަނޑިޔާރުންގެ މައްސަލަ އެވެ.
އެކެއް ފެބުރުއަރީގެ އަމުރުގެ ބައެއް ބައިތަށް ސުޕްރީމް ކޯޓުން ބާތިލު ކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެކެއް ފަބުރުއަރީގައި ފުރަތަމަ އަމުރު ނެރުނު އިރު ސޮއިކުރި ފަނޑިޔާރުން ހަމަ އެ އަމުރު ބާތިލު ކުރަން ސޮއިކޮށް އަމުރު ނެރުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައި އެއީ ފަނޑިޔާރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފަ އެވެ.