މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހާ އަޅާ ބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އެތެރެކުރި މުދަލުގެ ނިސްބަތް އަށް ޕަސެންޓް އިތުރުވެވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅާ ބަލާއިރު، މި އަހަރު ރާއްޖެ އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ، ކުރީ އަހަރަށް ވުރެ، 61،339 ޓަނު އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު 701868 ޓަނުގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ އިރު، މި އަހަރު އެ އަދަދު އުޅެނީ 763207 ޓަނުގަ އެވެ.

ނަމަވެސް ވޭތިވެދިޔަ ނުވަ މަހު ރާއްޖެ އަށް މުދާ އެތެރެކުރި ޖެނެރަލް ކާގޯ ބޯޓް ފަހަރުގެ ނިސްބަތް ހަތަރު ޕަސެންޓް ދަށަށް ގޮސްފައިވާ އިރު، ކޮންޓޭނާ ބޯޓުފަހަރު ވަނީ 29 ޕަސެންޓް މަދުވެފަ އެވެ.

ޕޯޓްސް ލިމިޓެޑުން ބުނި ގޮތުގައި އިމްޕޯޓް ކުރި މުދާ އަށް ޕަސެންޓުން އިތުރުވި އިރު، އެކްސްޕޯޓް ވަނީ އެ އަދަދަށް ދަށަށް ގޮސްފަ އެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި 20،199 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު، އެ އަދަދަކީ މިދިޔަ އަހަރު އެކްސްޕޯޓް ކުރި 22،032 ޓަނަށް ވުރެ، 1،833 ޓަނު މަދު އަދަދެކެވެ.