16 Jun 2019, 13:51
ސަރުކާރުގެ އަމާޒަކީ، 10 ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ކަމަށާއި މިހާރު ފަސް ހޮސްޕިޓަލެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހެލްތް މިނިސްޓަރީގެ މަސައްކަތްތަކާ ގުޅޭގޮތުން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ތޮއްޖެހި، ބޭސްފަރުވާއަށް އަތޮޅު ތެރެއިން މީހުން މާލެއަށް އަންނަ އައުން ހައްލެއް ހޯދުމަށް ސަރުކާރުންގެ ވިސްނުމަކީ، 10 ހޮސްޕިޓަލެއް ސަރައްދީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ. އެގޮތުން މިހާރު ފަސް ހޮސްޕިޓަލެއްގެ މަސައްކަތް ފަށަފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް މި ފަށައިގަތީ، ފަސް ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފުރިހަމަ ކުރުމަށް. އެ ހޮސްޕިތަލްތައް ހުރި ސަރަހައްދުން ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލު ކުރެވޭނެ ގޮތްތަކާއި ޑޮކްޓަރަށް ދެއްކޭނެ އިމްތިޒާމްތައް ފުރިހަމަ ކުރުން،" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެ ފިޔަވައްސަކަށް ބަހަލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި، އަތޮޅު ތެރޭ ރަށްތަކުން މީހުން މާލެ އަންނަން ޖެހޭނީ ކޮން ކަންތައްކެއްގައިތޯ ބަލައި، އެކަންކަން ވެސް ތަރައްގީކުރާ ހޮސްޕިޓަލު ތަކުން ހަމަޖެހިގެންދާނެ ކަމަށް އަމީން ވިދާޅުވި އެެވެ.
މިވަގުތަށް ތަރައްޤީ ކުރާ ހޮސްޕިޓަލުތައް:
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- ގަމު ރީޖަނަލް ހޮސްޕިޓަލް
- ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
- ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އަމީން ވިދާޅުވީ، މިހާރު އެ ފަސް ހޮސްޕިޓަލް ތަރައްގީކުރުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ، ކުރިއަށް އޮތް ތިން މަސްތުވަސް ތެރޭ އެ ތަންތަނުން ނަތީޖާ ފެންނަ ވަރު ކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 10 ހޮސްޕިޓަލްގެ ތަރައްގީއަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާވެ އެވެ. އޭގެ ތެރެއިން 800 މިލިއަން ރުފިޔާ މިހާރު ހަމަޖެހިފައި ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، 10 ހޮސްޕިޓަލް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ސްޕެޝަލައިޒް ހިދުމަތްތައް ދިނުން ކަމަށެވެ.
13 ރަށެއްގެ ހެލްތް ސެންޓަރު، ހޮސްޕިޓަލަށް ބަދަލު ކުރަނީ

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ނުވަ ރަށެއްގެ ސިއްހީ މަރުކަޒުތައް، ހޮސްޕިޓަލަށް ބަދަލު ކުރުމަށް ބިޑްކޮށް، ބިޑްތައް ހަވާލުކުރުމުގެ މަރުހަލާގައިވާކަމަށެވެ. އޭގެ އިތުރުން އިތުރު ހަތަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
"ނުވަ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަސްތެރޭ ފެށިގެންދާނެ. އޭގެ އިތުރުން އިތުރު ހަތަރު ސިއްހީ މަރުކަޒެއް [ބިޑް] ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި ހުރިހާ ރަށެއްގައި އެމްބިއުލާންސް ހިދުމަތް ދިނުމުގެ މަސައްކަތްވެސް ފަށައިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ބޭރުގެ އެހީއާއެކު މިއަހަރު، 70 ރަށެށްގެ އެމްބިއުލާންސް ހަމަ ޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އެމްބިއުލާންސް ހިދުމަތް ނެތީ ހަމަ އެކަނި އެންމެ ހަތަރު ރަށެއްގައި ކަމަށާއި ނަމަވެސް 50 އަށް ވުރެ ގިނަ ރަށްތަކުގައި އެމްބިއުލާންސްތަކަށް އެކި އެކި މައްސަލަ ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.