ރާއްޖޭގެ ތެލެސީމިއާ ސޮސައިޓީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. ފަރުޒާނާ ހަތޫން ނިޔާވެއްޖެ އެވެ.

ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ހިދުމަތް ކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ޑރ. ފަރުޒާނާ ނިޔާވީ ކޯމާ އެއްގައި އޮންނަވާތާ ދުވަސްތަކެއް ފަހުން އިނގިރޭސިވިލާތުގަ އެވެ.

ޑރ. ފަރުޒާނާގެ ވަކިވުމާ އެކު ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާ އިން ދަނީ ޑރ. ފަރުޒާނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާ ދެއްވުމުގައި ޑރ. ފަރުޒާނާ ރާއްޖޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އިރު، އެކަމަނާ ވަނީ ތެލެސީމިއާ ކުދިންގެ އާއިލާތަކުގެ ހިތުން ޖާގަ ހޯދައިފަ އެވެ. އެ ކުދިންނަށް ހިދުމަތް ކުރައްވާ އިރު ގެންގުޅުއްވާ ގާތްކަމާއި އޯގާވެރިކަން ތެލެސީމިއާ ސޮސައިޓީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ރަނގަޅު ފަރުވާ ދިނުމަށް ގާއިމްކުރަންޖެހޭ ވަސީލަތްތައް ގާއިމްކުރުމުގައި ޑރ. ފަރުޒާނާ ވަނީ މުހިއްމު ރޯލެއް އަދާ ކުރައްވައިފަ އެވެ.

ޕާކިސްތާނަށް އުފަން ޑރ. ފަރުޒާނާ އަކީ ކަރުންމަތީގެ ޑޮކްޓަރު ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ. ޑރ. ވަހީދު އަވަހާރަވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެދެކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވައި، ޑރ. ފަރުޒާނާ ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. އަވަހާރަވީ ވެސް އިނގިރޭސިވިލާތުގަ އެވެ.