15 Jun 2019, 17:08
ހޮންކޮންގް (ޖޫން 15): ހޮންކޮންގްގައި ތިބި ކުށްކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތުދޭ ބިލު ފާސްކުރުން އެސިޓީގެ ސަރުކާރުން ފަސްކޮށްފި އެވެ.
އެބިލް ފަސްކޮށްފައިވާކަން ހާމަ ކުރައްވަމުން ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވިދާޅުވި ގޮތުގައި އެބިލުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާތީ އޭނާ ހިތާމަ ކުރައްވަ އެވެ. އަދި ސަރުކާރުން ބިލާ ބެހޭ ގޮތުން އިތުރަށް ވިސްނުމަށް ރައްޔިތުން ބުނުމުން، ސަރުކާރުން އެކަމަށް އިޖާބަ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ މަސައްކަތުގައި ހުރި އުނިކަމުގެ ސަބަބުންނާއި އެހެނިހެން ތަފާތު ސަބަބުތަކާ ހެދި އެކި މައްސަލަތައް ކުރިމަތިވެފައިވާތީ ހިތާމަކުރަން،" ލާމް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލަށް ހުށަހެޅި އެބިލުގެ ދެވަނަ ބަހުސެއް މިދިޔަ ބުދަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ނަމަވެސް އެދުވަހު މުޒާހަރާތަކާ ގުޅިގެން އެބަހުސް ކެންސަލް ކުރި އެވެ. އަދި އެބިލް ފާސްކުރުމަށް ދެން ކުރާނެ މަސައްކަތެއް މިއަދު ލާމް ވިދާޅުނުވެ އެވެ.
ހޮންކޮންގްގެ ކުށްވެެރިން ބަދަލު ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަށް ނިންމީ އެސިޓީއަކީ ކުށްވެރިން ޝަރީއަތުން ފިލުމަށް ދާ މަންޒިލަކަށް ނުހެދުމަށް ކަމަށް ސަރުކާރުން ބުންޏެވެ. އަދި އާ އިސްލާހުގެ ދަށުން ހޮންކޮންގްގައި ތިބޭ ކުށްވެރިން އެހެން ގައުމުތަކާ ހަވާލުކުރުމާ ބެހޭ ގޮތުން އެ ގައުމާ ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވާނަމަ، ވަކި މަރުހަލާތަކެއްގެ ދަށުން އެމީހަކު އެގައުމާ ހަވާލު ކުރެވޭނެ އެވެ. އެފަދަ އެއްބަސްވުމެއް ހަދާފައި ނުވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ވެސް ހިމެނެ އެވެ.
އަދި އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއިސްލާހު ފާސްކޮށްފި ނަމަ ހޮންކޮންގްގެ ޝަރުއީ މިނިވަންކަން ގެއްލި، ހޮންކޮންގްގެ ރައްޔިތުންނާއި އެސިޓީއަށްދާ އެހެން މީހުން ވެސް ޗައިނާގެ މުށު ތެރެއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ބުނެފަ އެވެ. އަދި އެފަރާތްތަކުން ވަނީ ޗައިނާއަކީ އެގައުމުން ހައްޔަރުކުރާ މީހުންނަށް އަނިޔާކޮށް، ބިރުދައްކައިގެން ކުށަށް އިއުތިރާފު ކުރުވާކަމުގެ ރެކޯޑު އޮންނަ ގައުމެއް ކަމަށް ބުނެފަ އެވެ.
އެބިލާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ކުރި މުޒާހަރާގައި އެއް މިލިއަން މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުންޏެވެ. އަދި އެއީ ސައްހަ އަދަދެއް ނަމަ އެމުޒާހަރާއަކީ 1997 ވަނަ އަހަރު ހޮންކޮންގް ޗައިނާގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އެސަރަހައްދުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.