25 Oct 2011, 14:40
ވަޒީފާއާއި ބެހޭ ޓުރައިބިއުނަލުން އިތުރު ގަޑީގެ ފައިސާ ނަގާފައިވަނީ ގަވާއިދާ ހިލާފަށްކަމަށްބުނެ މީޑިޔާތަކުން ފެތުރި ހަބަރަކީ ހަގީގަތާއި ހިލާފު ވާހަކަތެއްކަމަށް ބުނެފިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިތުރު ގަޑީގެ ފައިސާއާ ބެހޭ ގޮތުން މީޑިޔާގައި ހަބަރުތައް ފަތުރާފައި ވަނީ އޮޑިޓް އޮފީހުން އާންމު ކުރި ޓްރައިބިއުނަލްގެ އޮޑިޓް ރިޕޯޓާ ހަވާލާދީގެނެވެ.
ވަޒީފާއާއި ޓުރައިބިއުނަލް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެތާނގެ 2010 ވަނައަހަރުގެ އޮޑިޓު ރިޕޯޓާއި ގުޅިގެން މީޑިޔާގައި ޝާއިރު ކޮށްފައިވާ ހަބަރުގައި އެތާގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ގަވައިދާ ހިލާފަށް ނަގަފައިވާ ކަމަށް ބުނުމަކީ ހަގީތާއި ހިލާފު ވާހަކައެއް ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ގޮތުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި 45 ޕަސެންޓް ފިކުސްޑް އޯވަޓައިމްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖެއްސުމާއި ގުޅިގެން މުވައްޒަފުންނަށް އެ ފައިސާ ދެމުން އަންނަނިކޮށް 2010 ވަނަ އަހަރު އޮޑިޓު އޮފީހުން އެކަން ބެލުމަށް އަންގާފައިވުމުން ރައީސް އޮފީހާއި ޓްރައިބިއުނަލާއެކު މަޝްވަރާކުރުމަށްފަހު ރައީސް އޮފީހުން އެންގެވި ގޮތަށް އިތުރު ގަޑީގެ ފައިސާ ނެގިކަމަށް އޮޑިޓް ރިޕޯޓުގައި ވަނިކޮށް އެއާ ހިލާފަށް މީޑިޔާއިން ހަޤިގަތާއި ހިލާފަށް ހަބަރު ޝާއިއު ކޮށްފައިވާތީ އެކަން ކުށްވެރި ކުރާކަމަށެވެ.
އޯޑިޓް އޮފީހުން އާއްމުކޮށްފައިވާ އޮޑިޓް ރިޕޯޓްގައިވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ޓްރައިބިއުނަލްގެ މެމްބަރުން "އެއްވެސް ރެކޯޑެއް ބެލެހެއްޓުމެއް ނެތި" އިތުރުގަޑީގެ ފައިސާގެ ގޮތުގައި ޖުމްލަ 275،904ރ. ނަގައިފައިވާ ކަމަށެވެ.
"... އުސޫލެއްގެ ގޮތުން އިތުރުގަޑީގެ ފައިސާއަކީ ރަސްމީ ގަޑީގެ އިތުރުން އެހެނިހެން ގަޑިތަކުގައި ނިކުމެ ކޮށްފައިވާ މަސައްކަތުގެ ރެކޯޑަށް ބަލައި ދެވޭ ފައިސާއަކަށް ވެފައި އިތުރު ގަޑީގެ ފައިސާއަކީ މުސާރައާ އެކު ލިބިވަޑައިގަންނަވާ ފައިސާއަކަށް ނުވާތީ، ޓްރައިބިއުނަލްގެ މެމްބަރުންނަށް ރެކޯޑް ބެލެހެއްޓުމެއް ނެތި ދީފައިވާ އިތުރުގަޑީގެ ފައިސާއަކީ ދެވިގެންވާނެ ފައިސާއެއް ކަމަށް މި އޮފީހުން ނުދެކެމެވެ،" އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވާ ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ
އިތުރުގަޑީގެ ފައިސާގެ މައްސަލަ ފާހަގަ ކުރެވުމުން އެކަން ރައީސް އޮފީހުން ސާފުކުރުމަށް ޓްރައިބިއުނަލަށް މިދިޔަ މާޗު މަހު އެންގި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރައީސް އޮފީހުން ޓްރައިބިއުނަލަށް ދިން ޖަވާބުގައި ބުނެފައިވަނީ، މެމްބަރުން އިތުރުގަޑީގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ އެ މަސައްކަތްކުރެއްވި ގަޑިއަކަށް ބަލައި، މުސާރައިގެ 45 ޕަސަންޓަށްވުރެ އިތުރު ނުވާ ގޮތަށް އެ އެފައިސާ ނެގުމަށެވެ
ނަމަވެސް، އެމުއްދަތުގައި މެމްބަރުން ނެންގެވި އިތުރު ގަޑީގެ ފައިސާއަކީ ފިކްސްޑް އޯވާ ޓައިމަކަށް (މުސާރައިގެ 45 ޕަސަންޓަށް) ހަމަޖައްސަން އެދުމުން، އެގޮތަށް ރައީސް އޮފީހުން މި މަހުގެ 13 ވަނަ ދުވަހު ހަމަޖައްސާ ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން، "އޮޑިޓަރުން ފާހަގަކުރެއްވި މެމްބަރުންގެ އިތުރު ގަޑީގެ މައްސަލަ ވަނީ ހައްލު ކުރެވިފަ" ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ