15 Jun 2019, 16:12
ދިއްލީ (ޖޫން 15): އިންޑިއާގެ ގުޖުރާތުގައި ހުންނަ ހޮޓަލެއްގެ ޖަންކުޝަން ސާފު ކުރަން އުޅުމުގެ ތެރޭގައި ހަތް މީހަކު ނޭވާ ހާސްވެގެން މަރުވެއްޖެ އެވެ.
އެހާދިސާ ހިނގީ ގުޖުރާތުގެ ވަޑޯޑަރާ ޑިސްޓުރިކްޓުގައި ހުންނަ ދަރުޝަން ހޮޓަލުގަ އެވެ. އަދި ހަތް މީހުން މަރުވީ އެކަކު ޖަންކުޝަން ތެރެއަށް ފޭބުމަށް ފަހު އޭނާގެ ހަބަރެއް ނުވުމުން، އޭނާއަށް ވީގޮތެއް ބެލުމަށް އެހެން މީހުން ފޭބުމުންނެވެ. އޭގެ ތެރޭގައި ހިމެނުނީ ޖަންކުޝަން ސާފު ކުރުމަށް ދިޔަ ހަތަރު މީހަކާއި ހޮޓެލުގެ ތިން މުވައްޒަފުންނެވެ.
"ވާގަނޑެއް އައްސާފަ ޖަންކުޝަން ސާފު ކުރާ މީހުން ތިރި ކުރީ. އަދި އެކަކުގެ ހަބަރެއް ނުވުމުން އޭނާ އަށް ވީގޮތެއް ބެލުމަށް އެހެން މީހުން ފޭބީ. ނަމަވެސް އެންމެން ވެސް ނޭވާ ހާސް ވެގެން މަރުވީ،" ޑިސްޓްރިކްޓް އޮފިޝަލެއް ކަމަށްވާ ކިރަން ޒަވެރީ ވިދާޅުވި އެވެ.
ޒަވެރީ ވިދާޅުވި ގޮތުގައި އެހާދިސާ ހިނގީ ރޭ 12:30ހާ އިރެވެ. އަދި އެމީހުންގެ ހަށިގަނޑު ނެގުނީ ތިން ގަޑިއިރުގެ މަސައްކަތުންނެވެ. އެހަތް މީހުންގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު އެމީހުންގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.
ގުޖުރާތުގެ ފުލުހުން މިހާރު ދަނީ އެމީހުން މަރުވީ ޖަންކުޝަނުގައި ކޮން ވިހަ ގޭހެއް ހުރެގެންތޯ ބެލުމަށް ތަހުގީގު ކުރަމުންނެވެ. އަދި އެހޮޓަލުގެ ވެރިޔާގެ މައްޗަށް ވަނީ އިހުމާލުވުމުގެ ސަބަބުން މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ.
މީގެ އިތުރުން ގުޖުރާތުގެ ސަރުކާރުން ވަނީ މަރުވި ހަތް މީހުންގެ އާއިލާއަށް އެހީވުމުގެ ގޮތުން ހަތަރު ލައްކަ ރުޕީސް (5724 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ސެނިޓޭޝަން ވޯކަރުންގެ ޖަމްއިއްޔާއެއް ކަމަށްވާ ސަފާއީ ކަރުމަޗަރީ އަންދޮލަން (އެސްކޭއޭ)އިން ބުނާ ގޮތުގައި، މީހުން ލައްވާ އެގޮތަށް ޖަންކުޝަން ސާފު ކުރުވުމަކީ މަނާ ކަމަކަށްވީ ނަމަވެސް އެމަސައްކަތް ކުރުމުގެ ތެރޭގައި ފާއިތުވި 10 އަހަރު ތެރޭ 1،800 މީހުން މަރުވެފައިވެ އެވެ. އަދި އެއީ އާއްމު ގޮތެއްގައި އިންޑިއާގައި ދަށް ފަންތިއެއް ކަމަށް ދެކޭ ދާލިތު މީހުން ލައްވާ ކުރުވާ މަސައްކަތެކެވެ.