15 Jun 2019, 14:11
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފިއެވެ.
މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރާފައެވެ. އެއީ ކާނިވާ ސަރަހައްދާއި، ހެންވޭރު ރާޅުގަނޑު ސަރަހައްދަށެވެ.
އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަނީ ފެން ހެދިފައެވެ. އަދި މަގުތަކަށް ވެސް ފެން ވަނީ ދަތުރުކޮށްފައެވެ.
މިއަދު މެންދުރުފަހުގެ ވަގުތުތަކުގައިވެސް އެ ސަރަހައްދުތަކަށް ދިޔައީ ބޮޑެތި ރާޅު ޖަހަމުންނެވެ. އަދި ރާޅުގަނޑާއި އާޓިފިޝަލް ބީޗާ ދިމާލުން އުދަ އެރުމުގެ ސަބަބުން ބޮޑުތަކުރުފާނުމަގަށްވެސް އޮތީ ވެއްޔާއި ލޮނު އަރާފައެވެ.

މާލޭ ރާޅުގަނޑު ސަރަހައްދަށް އުދަ އަރާފައި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
މިދިޔަ ބުރާސްފަތި ދުވަހު އުދަ އަރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެއަށް އުދަ އަރާފައިވެއެވެ. އެގޮތުން އިއްޔެ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށްވެސް އުދަ އަރާފައިވެއެވެ.