15 Jun 2019, 12:21
ހޮންކޮންގް (ޖޫން 15): ހޮންކޮންގްގައި ތިބި، ކުށްކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތުދޭ ބިލު ފަސްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އެސިޓީގެ މީޑިއާތަކުން ބުނެފިއެވެ.
ހޮންކޮންގެ ނޫސްތަކުގައިވާ ގޮތުން ބިލް ފަސްކުރަން ނިންމީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެތައް ހާސް މީހުން އެ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔުމުގެ ސަބަބުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ހޮންކޮންގްގެ ސަރުކާރުން ކުށްވެރިން ބަދަލުކުރުމާ ބެހޭ ބިލަށް އިސްލާހު ގެންނަން ނިންމީ، ހޮންކޮންގްގައި ތިބޭ ކުށްވެރިން އެހެން ގައުމުތަކާ ހަވާލުކުރުމާ ބެހޭ ގޮތުން އެ ގައުމާ ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވާނަމަ، އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ.
ހޮންކޮންގްއިން އެފަދަ އެއްބަސްވުމެއް ހަދާފައި ނުވާ ސަރަހައްދުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. އަދި އާ އިސްލާހުގެ ދަށުން ހޮންކޮންގްގައި ތިބޭ ކުށްވެރިންގެ ޝަރީއަތަށް، އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެއެވެ.
ހޮންކޮންގްގެ ސަރުކާރުން ބުނާ ގޮތުގައި އެއީ އެ ސިޓީއަކީ ކުށްވެރިން ޝަރީއަތުން ސަލާމަތްވުމަށްދާ ތަނަކަށް ނެހެދުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެކެވެ.
ނަމަވެސް ބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގެ ޝަރުއީ މިނިވަންކަން ގެއްލި، ހޮންކޮންގެ ރައްޔިތުންނާއި އެސިޓީއަށްދާ އެހެން މީހުންވެސް ޗައިނާގެ މުށު ތެރެއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ބުނެފައެވެ. އަދި އެފަރާތްތަކުން ވަނީ ޗައިނާއަކީ އެގައުމުން ހައްޔަރުކުރާ މީހުންނަށް އަނިޔާކޮށް، ބިރުދައްކައިގެން ކުށަށް އިއުތިރާފު ކުރުވާކަމުގެ ރެކޯޑު އޮންނަ ގައުމެއް ކަމަށް ބުނެފައެވެ.
އެބިލާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ކުރި މުޒާހަރާގައި އެއް މިލިއަން މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުންޏެވެ. އަދި އެ ބިލުގެ ދެވަނަ ބަހުސެއް ބާއްވަން ހަމަޖެހިފައި އޮއްވާ، މިދިޔަ ބުދަ ދުވަހު އެތައް ހާސް މީހުން ކުރި މުޒާހަރާގައި ލެޖިސްލޭޓިވް އެސެމްބްލީއާއި ސަރުކާރުގެ އެހެން އިމާރާތްތައް މުޒާހަރާގެ ބައިވެރިން ވަށާލާފައިވެއެވެ.
އޭގެ ސަބަބުން ބިލުގެ ދެވަނަ ބަހުސް ވަނީ މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފައެވެ. ނަމަވެސް އެމުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭއާއި ރަބަރު އުންޑަ ޖެހުމުގެ ސަބަބުން 80އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އަދި ބިލާ ދެކޮޅު ފަރާތްތަކުން ވަނީ މާދަމާވެސް މުޒާހަރާ ކުރާނެކަމަށް ބުނެފައެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.