14 Jun 2019, 20:58
ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ.ދުވާފަރުގައި ކުރިއަށްދިޔަ ދުވާފަރު ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން ޑާކްޕާކް ހޯދައިފިއެވެ.
މިއަދު ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު މެޗު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދެވެ.
މިއަދު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޑާކްޕާކްއިން ކާމިޔާބު ކުރީ އިލަވަން އެޓޭކާސް އާއި ބައްދަލުކޮށް 7 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ. ޑާކްޕާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ ޖޯޒީ ނަންބަރު 97 އަޙްމަދު ޢީސާ (2 ގޯލް)، ޖޯޒީ ނަންބަރު 95 މުޙައްމަދު ޖުމާން (ސްޓާލިން) (2 ގޯލް)، ޖޯޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އަދި ޖޯޒީ ނަންބަރު 10 ޙަސަން ޝުޖާޢު (އޯކޭ) އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑާކްޕާކްގެ ޖާރޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ފައިސާގެ އިނާމާއި ތަށި ހަވާލުކޮށް ދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިސްމާޢީލް އަޙުމަދު އަދި މުބާރާތް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާރކްޕާރކްގެ އަޙްމަދު ޢީސާއެވެ. އޭނާވަނީ މުބާރާތުގެ ގަދަ ފަސްކުޅުންތެރިންގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. އޭނާވަނީ މިމުބާރާތުގައި 8 ގޯލު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕޮލިސް ޓީމް ހޮވިފައިވާއިރު ރަނަ ރަޕް ޓީމަކީ އިލަވަން އެޓޭކާސްއެވެ. މީގެ އިތުރުން މުބާރާތުގައި ހޮވި އިތުރު މަގާމްތަކުގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޑާކްޕާރކްގެ މުޙައްމަދު ޖުމާން (ސްޓާލިން) އެވެ.
މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ކަނޑައަޅާފައެވެ. އަދި، މިމުބާރާތަކީ ދުވާފަރުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިމުބާރާތް އަންނަ އަހަރުވެސް ފުޅާކޮށް ބޭއްވުމަށް ގަސްދުކުރާކަމުގައި މިމުބާރާތް ހިންގާ ފަރާތުން ބުނެއެވެ. މިއަދުގެ ފައިނަލް މެޗަށްފަހު އަންނަ އަހަރުވެސް މުބާރާތް ކުރިއަށް ގެންދާނެކަންވަނީ އިއުލާނު ކޮށްފައެވެ.