ތުހުމަތުތަކަކާ އެކު ފުލުހުން ފެށި ތަހުގީގަކާ ގުޅިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމާ އެކު، ސުޕްރީމް ކޯޓް ތެދުވެ، އޭނާގެ ސަސްޕެންޝަނަށް އަމަލު ކުރުން މަޑުޖައްސާލަށް މި ވަނީ އަމުރު ނެރެފަ އެވެ. އެއާ ވިއްދާ ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނަސް، އަބްދުﷲ ދީދީގެ ސަސްޕެންޝަން ހަމަ އެގޮތުގައި ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އެއާ އެކު، ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ރަނގަޅަށް ވެސް ހަނގުރާމަ ފެށުނީ އެވެ.

އެއް ބައި ބޭފުޅުންގެ ނަޒަރުގައ، ބަހަަނާދައްކައި ސުޕްރީމް ކޯޓުގެ އަމުރަކަށް ޖޭއެސްސީއަށް ތަބާނުވެ ނުތިބެވޭނެ އެވެ. އެއީ ޖޭއެސްސީ ޗާޓުން ބޭރުވުމެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ގިނަ ދުވަސްތަކެއްގައި ކުރެއްވި އަހުމަދު އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި، ސުޕްރީމް ކޯޓުން އަމުރެއް ނެރެފި ނަމަ އެއަށް ތަބާވާން ޖެހެ އެވެ. އަދި އެ އަމުރު އުސޫލާ ހިލާފަށް ނެރެފައިވާ ނަމަ އެއަށް ފިޔަވަޅު އަޅަން އޮންނަ ގާނޫނީ އިޖުރާއަތުގެ ތެރެއިން ޖޭއެސްސީއަށް މައްސަލަތައް ބެލިދާނެ ކަމަށް އޭނާ ދެކަވަޑައިގަންނަވަ އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ޗެލެންޖް ކުރުން އެއީ އަމަލު ކުރެވޭނެ ގޮތެއް ކަމަށް އޭނާ ދެކެވަޑައި ނުގަންނަވަ އެވެ.

"1 ފެބުރުއަރީ އަމުރު އޭރުގެ ސަރުކާރުން ތަންފީޒު ނުކުރީމާ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް، މިހާރުގެ އޭޖީ ރިފްއަތު އޭރުވެސް އެ އޮތީ ވިދާޅުވެފައި. އެއީ ޖޭއެސްސީއަށް އޮންނަ ބާރެއް ނޫން އަމުރުތަކަށް ތަބާނުވުމަކީ. ސުޕްރީމް ކޯޓުން އުސޫލާ ހިލާފުވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ޖޭއެސްސީއަށް ޖެހޭނީ،" އުޝާމް ވިދާޅުވެފައިވެ އެވެ.

ކޮންމެ ގޮތަކަށް މައްސަލަ އޮތަސް، ޖޭއެސްސީއާ ސުޕްރީމާ ކޯޓާ ދެމެދު މި އުފެދުނީ އާދައިގެ ކޯޅުމެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ދުސްތޫރީ އާންމު ހަމަޔާ ގުޅުން ހުރި ނިކަން ވަރުގަދަ ގާނޫނީ ކޯޅުމެކެވެ. ވަރުގަދަ ހަނގުރާމައެއްގެ ހުޅު މިވަނީ ރޯވެފަ އެވެ. މިކަމެއް ފެށުނީ ކޮން ހިސާބަކުން ހެއްޔެވެ؟

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާ އެކު ޖޭއެސްސީ އިން ބޭއްވި ފުރަތަމަ ބައްދަލުވުމާ އެކު މުހިންމު ބޮޑެތި ނިންމުންތަކެއް ނިންމި އެވެ. ކޯޓެއްގެ ފަނޑިޔާރަކު ވަކިކުރަން ފުރަތަމަ ފަހަރަށް މަޖިލީހުގައި އެދުމާއި އެ ކޮމިޝަންގެ މަސައްކަތްތައް މީޑިއާއަށް އާންމު ކުރުން ފަދަ މީގެ ކުރިން ނުފެންނަ އެތައް ބަދަލެއް ކޮމިޝަންގެ މަސައްކަތަކަށް ގެންނަން ނިންމި އެވެ.

އިސްލާހު ނުކުރެވޭނެ ތަނެއްގެ ގޮތުގައި ވެފައި އޮތް ފަނޑިޔާރުގެ އިސްލާހު ކުރުމަށް މަސައްކަތް ފެށިކަމުގެ ފެހި ސިގްނަލެއް އެ ނިންމުންތަކުން ގެނެސްދިނެވެ. އެކަމަކު އެއާ އެކު، ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓްގެ "ބޮޑާ ހޭކުމު"ގެ ސިލްސިލާއެއް ފެށުނީ އެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓްގެ ތުހުމަތަކަށްވީ ޔޫއެންޑީޕީގެ އެހީގައި ޝަރުއީ ދާއިރާގެ ރިފޯމަށް އެހީވުމަށް ސަރުކާރުން ގެނައި، ބޭފުޅަކު ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ތުހުމަތެވެ. އެއަށް ފަހު ޖޭއެސްސީގެ ނިންމުމެއް ހުއްޓުވުމަށް އެ ކޯޓުން ފާޅުގައި ނިކުތީ އެވެ.

ޖޭއެސްސީގެ މަސައްކަތް ހިނގައިގަންނަ ކޮންމެ ފަހަރަކުހެން މީގެ ކުރިން ވެސް ކޯޓުތައް މެދުވެރިވެ ކޮމިޝަން މައިތިރިކުރުމުގެ ކަންތައްގަނޑެއް ހިންގަ އެވެ. ކޯޓްތަކުގެ ފަނޑިޔާރުންނާ މެދު ފާރަވެރިވެ އެ މީހުންގެ މައްސަލަތައް ބެލެން އޮންނަ ހަމައެކަނި މުއައްސަސާ ވަނީ، އެއްވެސް އާރެއް ބާރެއް ނެތް ތަނެއްގެ ގޮތުގަ އެވެ. ޖޭއެސްސީ އިން ކަމެއް ނިންމާއިރަށް އެ ފަނޑިޔާރަކު ކޯޓަށް ވަޑައިގެން އެކަން އަނެއް އަތަށް އަނބުރާލައްވައި އެ ކޮމިޝަންގެ ބާރު ކަނޑުވާލަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަން މައްސަލައިގައި ވެސް އޭނާ ބެންޗްގައި އިންނަވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދު ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވީ އިޖުރާއަތުގެ ބޭރުން ކަމަށް ވިދާޅުވެ އެވެ. އެހެންވެ، އެ މައްސަލަ ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދޭން އޭނާ ނިސްތަބްވާ ކޯޓްގައި އެދިވަޑައިގަތީ އެވެ. އެއާ އެކު ހަމަ ދުވަހުން ދުވަހަށް މައްސަލަ ބަލަން ނިންމައި އަމުރެއް ތައްޔާރުކޮށް ޖޭއެސްސީގެ ބާރު ނަފީވާ ފަދަ އަމުރެއް ނެރުނީ އެވެ. އެކަމަކު ފަނޑިޔާރުންގެ މައްސަލަ ބެލުމުގެ ބާރުތައް ހަވާލުކޮށްފައިވާ ކޮމިޝަންގެ މައްޗަށް ކޯޓުތަކަށް ބާރު ހިންގިދާނެ ހެއްޔެވެ؟ ޖޭއެސްސީއިން ނިންމާ ކަންކަމަށް ގޮތް ކިޔުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ހެއްޔެވެ؟

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވި ގޮތުގައި ޖޭއެސްސީ އިން ފަނޑިޔާރެއްގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ ނިންމުމަކީ އިދާރީ ނިންމުމެކެވެ. އަދި ސުޕްރީމް ކޯޓުން އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބަލައި ގަނެ، އެ ކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ވެސް ބަލަން އޮތް ކޮމިޝަންގެ، އިދާރީ ނިންމުމަކާ މެދު ބަސް ނުކިޔޭގެ ކަމަށް ސިރާޖު ގަބޫލު ކުރައްވަ އެވެ.

"ޖޭއެސްސީ އިން އަޅާނީ އިދާރީ ފިޔަވަޅު. ދެން އެ ފިޔަވަޅު އެޅީމާ އޭގެ މައްޗަށް ސުޕްރީމް ކޯޓުން ބަސް ކިޔުމަކީ ޖޭއެސްސީގެ މަސައްކަތުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުން. އެއީ ސުޕްރީމް ކޯޓްގެ މަސްލަހަތު ވެސް އޮތް ކަމެއް. އެހެން ވީމާ، ސުޕްރީމް ކޯޓުން ގާނޫނީ މުއައްސަސާއެއްގެ އިހުތިސޯސްގެ ތެރެއަށް ވަންނަ މައްސަލަ އަޅުގަނޑުމެން ބަލާނަން. އެކަމާ ގުޅިގެން އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅާނަން،" ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް އަޑު އުފުއްލަވާ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ ސިރާޖް ވިދާޅުވި އެވެ.

ޖޭއެސްސީގެ ބާރުތަކާއި އެ ކޮމިޝަންގެ މެންޑޭޭޑް ގާނޫނު އަސާސީގެ 159 ވަނަ މާއްދާއިން އޮޅުމެއް ނެތް ވަރަށް ސާފުކޮށްދެ އެވެ. އެކަން ބަޔާންކޮށްދެމުން އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ، "ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި މަގާމުން ވަކިކުރަން ޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރަން ހުށަހެޅުން،" އެ ކޮމިޝަންގެ ބާރުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، އެ ކޮމިޝަންގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ކޮމިޝަންގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ވެސް ބުނެފައި ވަނީ؛ "ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ރަސްމީ އިދާރާއަކުން ތަހުގީގުކުރަން ފަށައިފި ނަމަ، ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެފަނޑިޔާރަކާ މެދު އަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަވާނެ،" ކަމަށެވެ.

ޖޭއެސްސީ އިން ބުނާ ގޮތުގައި، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން ކޮމިޝަނަށް އެންގުމުން އެވެ. އެ ހުރިހާ ގާނޫނީ ސަބަބުތަކާ ހުރެ ޖޭއެސްސީއަކީ ފަނޑިޔާރުންގެ ކަންކަން ބަލަން ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުކޮށްފައިވާ މުއައްސަސާ އެވެ. އެ ނޫން އެއްވެސް މުއައްސަސާއަކަށް އެފަދަ ބެލެނިވެރިކަމެއް ހަވާލުކޮށްފައެއް ނެތެވެ. އެއީ ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމެކެވެ. އެހެންވީމާ، އެ މުއައްސަސާގެ މައްޗަށް ފަނޑިޔާރުން ބަސްކިޔައިގެން ނުވާނެ އެވެ.

ފަނޑިޔާރަކާ މެދު ޖޭއެސްސިއިން ގޮތެއް ނިންމައިފި ނަމަ އެކަމުގެ ތެރެއަށް ސުޕްރީމް ކޯޓް ވަންނަ ނަމަ، އޭގެ ސަބަބުން ވަރުގަދަ ކޯޅުން ގަނޑެއް ފެށެ އެވެ. އޮޅުންބޮޅުން ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ދައުލަތް ސޮއްސާލައިގެންދެ އެވެ. ފަނޑިޔާރުންގެ ކަންކަމުގައި ބަސް ބުނާނެ ފަރާތަކީ ކޮބައިކަން އޮޅޭ ހިސާބަށް މައްސަލަތައްދެ އެވެ. އެ މީހުންގެ ބެލެނިވެރި ފަރާތަކީ ބައެއް ފަހަރު ސުޕްރީމް ކޯޓުކަމަށް ވެސް ހީވެ އެވެ. އެކަމަކު އެއީ ދުސްތޫރުން ތަރުތީބުވެފައިވާ ގޮތެއް ނޫން ކަމަށް ގާނޫނީ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ގާޒީންގެ ކަންކަން ނިންމުމުގެ އެއްވެސް ބާރެއް އަދި އެކަމަށް ރޫލިންއެއް ނެރުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނުލިބެ އެވެ. އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނާ މަފުހޫމް ސުޕްރީމް ކޯޓުން އޮޅުވާލަމުން އަންނަ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

"ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ ފަރާތް ކަމަށް ލިޔެފައި އޮންނަ މާނަ ނުބައިކޮށް ނަގައިގެން އެބޭފުޅުން ހިތުހުރި ގޮތަކަށް ކަންކަން ނިންމަނީ. ފަނޑިޔާރުންގެ މައްސަލަތައް ބެލެން މި އޮންނަ ތަނަކީ ޖޭއެސްސީ. އެކަން އެ އޮތީ ސާފުކޮށް އެނގެން. އެތަނުން މިއަޅަނީ އިދާރީ ފިޔަވަޅު. އެހެން ވީމާ، އޭގެ މައްޗަށް ދެން ކޯޓުތަކަށް ބަސް ކިޔޭ ނަމަ މީގައި ނެތް ސަލާމަތެއް. އެހެން ވީމާ އެކަންކަން މަޖިލީހުން ރިވިއު ކުރާނެ. މިގޮތަށް ދުސްތޫރުގެ އުސޫލުތައް މުގުރާލަން ފުރުސަތެއް ނުދޭނެ،" ސިރާޖު ވިދާޅުވި އެވެ.

ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީއިން އެއްވެސް އިދާރާއަކަށް ބާރުތައް ދީފައި ވަނީ ހިފެހެއްޓުމެއް ނެތް ގޮތެއްގައެއް ނޫނެވެ. ކޮންމެ މުއައްސަސާއަކުން ވެސް ބާރުތައް ބޭނުން ކުރަން ޖެހޭނީ ގާނޫނު އަސާސީގެ ހުދޫދުގެ ތެރޭގައި ކަމަށް އޭނާ ވެސް ވިދާޅުވެ އެވެ.

"ބާރުތަކުގެ ބޭނުން ގާނޫނު އަސާސީއިން ކަނޑައެޅިފައިވާ ހަމަތަކުގެ ބޭރުން ކޮންމެ މުއައްސަސާއަކުން ބޭނުން ކުރިޔަސް އެވާނީ ބާތިލު ކަމަކަމަށް،" އަނަސް ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓްގެ ވަރުގަދަ ބާރު ބޭނުންކޮށްގެން އިންތައް ފަހަނައަޅާ އެކޯޓުން ވަނީ އެތައް ފަހަރަކު ގޮސްފަ އެވެ. ކޯޓްތަކާ ގުޅޭ އިދާރީ ކަންކަން ނިިންމުމަށް އެކުލަވާލި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ ބާރުތައް ވެސް އެކޯޓުން ވަނީ ނަގައި މުށުތެރެއަށް ލައިފަ އެވެ. އެކަމަކު އެ އިދާރާ އުފެދިގެން އައީ، ވަކިން އޮތް ބޮޑީއެއްގެ ގޮތުގަ އެވެ. އެކަމަކު އެތަނަށް ވެސް އަމުރު މައުރޫފް ހިންގަނީ މިހާރު ސުޕްރީމް ކޯޓެވެ.

މީގެ އިތުރުން 1 ފެބުރުއަރީގެ ބޮޑު އަމުރުގައި ވެސް ޖޭއެސްސީގެ ބާރުތައް ކަނޑުވާލަން އެ ކޯޓުން އޮތީ އަމުރުނެރެފަ އެވެ. އެފަހަރުވެސް އެ ކޯޓުން ޖޭއެސްސީގެ އިހުތިސޯސްގެ ތެރެއަށް ވަނީ އެވެ. އަދި ރައްޔިތުން މަޖިލީހުން ފާސްކުރާ އެކި ގާނޫނުތައް އުވާލުން ފަދަ ކަންތައްތައް އެ ކޯޓުން ވަނީކޮށްފަ އެވެ. ގާނޫނުތަކުގެ ބައިބައި އުވާލުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ. މި ހުރިހާ ކަމެއް އެކުވެގެން، ސުޕްރީމް ކޯޓްވެފައި ވަނީ ގާނޫނު އަސާސީގެ އެންމެ ބާރުގަދަ މުއައްސަސާއަށެވެ. އެކަމަކު އެއީ ގާނޫނު އަސާސީ ތަސައްވަރު ކުރާ ގޮތް ހެއްޔެވެ؟ އެއީ އެ ކޯޓްގެ ހުދޫދާއި އިންތަކުން އަޅެ، ބޭރުވުމެއް ނޫން ހެއްޔެވެ؟