ލީބިޔާގެ ކުރީގެ ޒައީމު ކާނަލް މުޢައްމަރުލްޤައްޛާފީ އާއި އޭނާގެ ދަރިކަލުން މުޢުތަޞިމްގއާ ދެ ބޭފުޅުންގެ ހަށިކޮޅުތައް މިއަދުގެ ފަތިހުގެ ވަގުތެއްގައި ލީބިޔާގެ ސަހަރާގައި ސިއްރުން ފަސްދާނުލައިފި ކަމަށް އެ ގައުމުގެ އިންތިގާލީ މަޖިލީހުގެ އޮފިޝަލުން ބުނެފިއެވެ.

ލީބިޔާގެ އިންތިގާލީ މަޖިލީހުން ޤައްޛާފީ އާއި އޭނާގެ ދަރިކަލުން އަވަހާރަކޮށްލުމަށް ފަހު ފަސްދާނުލާފައި މިވަނީ، އެ ދެބޭފުޅުންގެ ހަށިކޮޅުތަކަށް ހަދާނީ ކިހިނެއްކަމާ މެދު ގޮތެއް ނުނިންމި ދުވަސްތަކެއް ވުމަށް ފަހުގައެވެ. ޤައްޛާފީގެ އާއިލާގެ ބޭފުޅުން ބޭނުންފުޅުވީ އެބޭފުޅުންގެ އުފަން ރަށްކަމުގައި ސިރްތުގެ ރަށްބޭރުގައި އޮންނަ އާއިލީ ގަބުރުސްތާނެއްގައި އެ ދެ ބޭފުޅުންގެ ހަށިކޮޅުތައް ފަސްދާނުލުމަށެވެ. ލީބިޔާގެ އިންތިގާލީ މަޖިލީހުން ޤައްޛާފީގެ ހަށިކޮޅާއި ދަރިކަލުން މުޢުތަޞިމްގެ ހަށިކޮޅު ޝަރުޠުތަކެއްގެ މަތީން އާއިލާއާ ހަވާލުކޮށްފާނެ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެކަން އެ ގޮތަށް ވެސް ކުރެވެން ނެތް ކަމަށް ބުނެފައެވެ. އިންތިގާލީ މަޖިލީހުގެ ގިނަ އޮފިޝަލުން ބޭނުންވީ ޤައްޛާފީގެ ހަށިކޮޅު ސިއްރު ތަނެއްގައި ވަޅުލާށެވެ. ނޫނީ ކަނޑު ފައްތާށެވެ. އެހެން ނޫނީ ޤައްޛާފީއަށް ތާއީދު ކުރާ ފަރާތްތަކުން އެމަނިކުފާނުގެ ގަބުރުފުޅަށް ޒިޔާރަތް ކުރުން އާންމުވެ، އިންތިގާލީ މަޖިލީހަށް ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް އޮފިޝަލުން ދެކެއެވެ.

ބީބީސީން ބުނާ ގޮތުގައި ހަށިކޮޅުތައް ފަސްދާނުލާފައި ވަނީ ލީބިޔާގެ ގަޑިން ފަތިހު 5 ޖެހިއިރުއެވެ.

ހަނގުރާމައެއްގެ ތެރޭގައި ވެސް ދިރިހުއްޓައި ހައްޔަރު ކުރެވިއްޖެ ނަމަ، ސަރިޔަތެއް ކުރުމެއް ނެތި މީހަކު މަރައިލުމަކީ ޖަރީމާއެއް ކަމުން، ޤައްޛާފީ އަވަހާރަކޮށްލާފައި ވަނީ ކިހިނެއްތޯ ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފައި ވާނެ ކަމަށް ލީބިޔާގެ އިންތިގާލީ މަޖިލީހުން ބުނެއެވެ.