13 Jun 2019, 20:42
ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އެ ބައްދަލުވުމަކީ ގާނޫނުއަސާސީއާއި ގާނޫނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިދީފައިވާ އިޙްތިޞާޞްގެ ބޭރުން، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އިޙްތިޞާޞް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލު ވުމެއް ކަމަށެވެ.
ޖުޑީޝަލް ކައުންސިލް މެމްބަރުންނަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސިވިލް ކޯޓުގެ އިސް ގާޒީ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ އާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީ އާއި ޑްރަގް ކޯޓުގެ އިސް ގާޒީގެ އިތުރުން ރާއްޖޭގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އައްޔަންކުރާ ދެ މެޖިސްޓްރޭޓުންނެވެ.
އެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށް އެ ކޯޓުން މިއަދު ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.