13 Jun 2019, 15:02
މަސްގަތް (ޖޫން 13) : އަރަބި ގަލްފަށް ވަންނަ ސަރަހައްދުގައިވާ އުމާން ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރުގައި މިއަދު ބާރުގަދަ ދެ އެއްޗެއް ގޮވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިނގައްޖެ އެވެ.
އެމެރިކާގެ ބްލޫމްބާގް ނޫސް އެޖެންސީން ބުނީ ނޯވޭގެ ޓޭންކަރަކާއި ސިންގަޕޫރުގެ ޓޭންކަރެއްގައި ބަރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން އެހީއަށްއެދި އެދެ ޓޭންކަރުން އެސަރަހައްދުގެ ބަނދަރުތަކަށް މެސެޖްތައް ފޮނުވިކަމަށާ އެދެ ޓޭންކަރުން 44 ފަޅުވެރިން ފޭބުމުން އީރާނުގެ އާގު ބޯޓަކުން އެމީހުން ސަލާމަތްކޮށްފައިވާ ކަމުގަ އެވެ. މި ދެޓޭންކަރުގެ ތެރެއިން އެއްޓޭންކަރަކީ ސައޫދީގެ ޖުބައިލް ބަނދަނރުން މިތޭން ގޭސް ބަރުކޮށްގެން ސިންގަޕޫރަށް ދަތުރުކުރި ޓޭންކަރެކެވެ. އަނެއް ޓޭންކަރަކީ އަބޫދަބީ ބަނދަރުން ތެޔޮ ބަރުކޮށްގެން ގަލްފުން ނުކުންނަން ދިޔަ ޓޭންކަރެކެވެ.
މިދެ ޓޭންކަރަށް ލިބުނު ގެއްލުންތައް އަދި ސާފެއް ނުވެ އެވެ. އަދި އެދެ ޓޭންކަރުގައި ގޮވާފައި ވަނީ ބޮމެއްކަން ނޫނީ ނޫނީ އޭގައި ޖެހިފައި ވަނީ މައިނެއްގައިކަން ނޫނީ އެއަށް އަރާފައިވަނީ ޓްރޮޕިޑޯ އެއްކަންވެސް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެދެޓޭންކަރު ކަނޑަށް ފެތިގެންދާވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބްލޫމްބާގް އިން ބުނެ އެވެ. މި ހާދިސާއާ އެކު އެމެރިކާ އާއި ޔޫރަޕްގެ ބާޒާރުތަކުގައި ތެލުގެ އަގުވަނީ ފީފާއަކުން ދެ ޑޮލަރު މައްޗަށް ގޮސްފަ އެވެ. މިދިޔަ އަހަރު ވެސް ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރިން ދަތުކުރި ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާތަކެއް އަރައި އެ ޓޭންކަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ޓޭންކަރުތަކަށް އަރާފައި ވަނީ މައިން ހަމަލާއެއްކަމަށް ކަމާބެހޭ ތަހްގީގް ރިޕޯޓް ބުނެ އެވެ.
ނަމަވެސް އެ ހަމަލާ ތަންފީޒުކޮށްފައި ވަނީ ކޮންފަރާތަކުންކަން އެނގިފައެއް ނުވެ އެވެ. އެމެރިކާއިން ވަނީ އެއީ އީރާނުގެ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އެއީ ގަލްފުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލުމަށް ޓަކައި އިސްރާއީލުން ހިންގި އަމަލެއް ކަމަށް ތުހުމަތުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)