13 Jun 2019, 11:51
ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން އެ ނިންމުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރިފްއަތު ވެސް ބައިވެރިވެ ވަޑައިގެން އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމި އެ ނިންމުމާ ގުޅޭ ގޮތުން އޭޖީ ރިފްއަތު ކުރި ޓްވީޓެއްގައި ބުނީ، ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަހުގީގުކުރާ ނަމަ 48 ގަޑިއިރުގެ ތެރޭގައި އެފަނޑިޔާރަކާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި ތަހުޒީބީ މުޖުތަމައުތަކުގައި ފަނޑިޔާރެއްގެ މައްސަލައެއް ބަލާނަމަ މަގާމުން އަމިއްލައަށް ދުރުވާ ކަމަށް ވެސް އޭޖީ ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
"ޖޭއެސްސީގެ ނިންމުމަށް މަރުހަބާ!،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެއްސީއިން އިއްޔެ ނިންމީ، އޭނާގެ މައްސަލައެއް ފުލުހުން ބަލާ ކަމަށް ބުނެ އެވެ. އެކަމަކު އެ ފަނޑިޔާރާ މެދު ފުލުހުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިފަހުން ޖޭއެސްސީއަށް ހުށަހެޅުއްވީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައަކީ، އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު 2015 ވަނަ އަހަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.