13 Jun 2019, 11:58
އިންޑިއާގެ ބިހާރުގައި ދަރަނިވެފައި ތިބި 2100 ދަނޑުވެރިންގެ ލޯނު، ބޮލީވުޑް މެގަ ސްޓާ އަމީތާބް ބައްޗަން އެއް ފަހަރުން ދައްކައި ޚަލާސްކޮށްދީފި އެވެ.
އަމީތާބު ވަނީ މީގެ ކުރިން ބިހާރުގައި ދަރަނިވެފައި ތިބި ދަނޑުވެރިންނަށް އޭނާގެ ފަރާތުން ހަދިޔާއެއް ލިބޭނެ ކަމަށް ބުނެފަ އެވެ. އަމީތާބު އިއްޔެ އޭނާގެ ބުލޮގުގައި ބުނެފައި ވަނީ އެއީ އޭނާ ކުރިން ވީ ވައުދެއް ފުއްދުން ކަމަށެވެ.
މިއީ އަމީތާބު ދަނޑުވެރިންގެ ދަރަނި ފިލުވައިިދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އަމީތާބު ވަނީ އޭނާގެ އުފަން ރަށް، އުއްތަރު ޕްރަދޭޝްގެ 1398 ދަނޑުވެރިންގެ ލޯނު ވެސް ދައްކައިދީފަ އެވެ. އެފަހަރު ލޯބުގެ ގޮތުގައި އަމީތާބު 40 މިލިއަން ރުޕީސް ނުވަތަ ފަސް ލައްކަ އެމެރިކާ ޑޮލަރު ވަނީ ދައްކައިދީފަ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރު މުމްބާއީގެ 350 ދަނޑުވެރިއެއްގެ ލޯނު ވެސް އަމީތާބު ދައްކައިދިނެވެ.
އިންޑިއާގެ އާބާދީގެ 50 ޕަސެންޓު މީހުން ދިރިއުޅުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އަދި ދަނޑުވެރިން ދަރަނިވެރިވުމަކީ ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެކެވެ.
ދަރަނީގެ ސަބަބުން އިންޑިއާގެ އެތައް ހާސް ދަނޑުވެރިން ވަނީ އަމިއްލަ އަށް މަރު ވެސް ވެފަ އެވެ.