13 Jun 2019, 10:09
ދިއްލީ (ޖޫން 12): އިންޑިއާގެ ޖެޓް އެއާވޭސްގެ މަތިންދާބޯޓެއް ބަޔަކު ހައިޖެކް ކުރަން އުޅޭ ކަމަށް ބުނެ އެއްވެސް ހަގީގަތެއް ނެތް އިންޒާރެއް ދިން މީހާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އޮކްޓޯބަރު 2017ގައި ހިނގި އެ ހާދިސާގައި އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ބިރުޖޫ ސަލާ ވަނީ އޭނާ ދަތުރު ކުރަމުން ދިޔަ ބޯޓު، 12 މީހަކު ވެގެން ހައިޖެކް ކުރަން އުޅޭ ކަމަށް ބުނެ، ބޯޓުގެ ފާހާނާގައި ސިޓީއެއް ބާއްވާފަ އެވެ. އެސިޓީގައިވާ ގޮތުން ބޯޓު ހައިޖެކް ކުރަން އުޅޭ މީހުންގެ އަތުގައި ގޮވާތަކެތި ވެސް ހުއްޓެވެ. އަދި އެމީހުން ބޭނުން ވަނީ ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅީގައި ބޯޓު ޖެއްސުވުމަށެވެ.
އެއިންޒާރާ ގުޅިގެން ބޯޓު އިމަޖެންސީގައި އަހުމަދުއާބާދުގައި ޖެއްސި އެވެ. އަދި ސަލާ ހައްޔަރު ކުރި އެވެ.
ސަލާ އޭރު އުޅުނީ ޖެޓް އެއާވޭސްގެ ކެބިން ކުރޫއަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި އެއަންހެން މީހާ ކައިރީ މުމްބާއީއަށް ބަދަލުވާން އެދުމުން، އޭނާ ދެކޮޅު ހެދުމުން، ސަލާ ނިންމީ ޖެޓް އެއާވެސްއަށް އިންޒާރު ދޭށެވެ. އަދި އޭގެ ސަބަބުން އެ އެއާލައިނުން ދިއްލީގެ އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށާއި އެއަށް ފަހު އޭނާގެ ލޯބިވެރިޔާ މުމްބާއީއަށް ދާނެ ކަމަށް ސަލާ އުއްމީދު ކުރި އެވެ.
ސަލާ ވަނީ އޭނާގެ އޮފީހުގައި އެސިޓީ ލިޔެ، ޕްރިންޓު ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފަ އެވެ. އެމައްސަލައިގައި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން 50 މިލިއަން ރުޕީސް (720,725 ޑޮލަރު)އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ކޮންމެ ޕައިލެޓަކަށް އެފައިސާގެ ތެރެއިން 100،000 ރުޕީސް އާއި ކޮންމެ ކެބިން ކުރޫއަކަށް 50،000 ރުޕީސް އާއި ކޮންމެ ފަސިންޖަރަކަށް 25،000 ރުޕީސް ދޭން ވަނީ ހަމަޖެހިފަ އެވެ.
އިންވެސްޓިގޭޓަރުން ވިދާޅުވި ގޮތުގައި ސަލާ ބޯޓު ހައިޖެކް ނުކުރި ނަމަވެސް، ހައިޖެކް ކުރަން އުޅޭ ކަމުގެ އިންޒާރު ދިނުން ގާނޫނުން ބަލާނީ ހައިޖެކް ކުރަން މަސައްކަތް ކުރުމުގެ ގޮތުގައެވެ.
ސަލާގެ ވަކީލު ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނުގެ ގޮތުގައި އޮތް ޖެޓް އެއާވޭސްއަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހި، މިއަހަރު އެ އެއާލައިނުން ވަނީ ހުރިހާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ހުއްޓާލާފަ އެވެ.