13 Jun 2019, 09:57
އަންކަރާ (ޖޫން 13) : ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމުގެ ކަންތައް ތުރުކީން މިހާރު ނިންމައިފި ކަމަށާ އެއީ މިހާރު މަޝްވަރާ ކުރުމުގެ ފުރްސަތުނެތް މައުޟޫޢެއް ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އަންކަރާގައި ހުންނަ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތުމަށް ދޭންޖެހޭ ހުރިހާ ފައިސާ ރަޝިޔާއަށް ދީފައިވާއިރު މި ނިޒާމުގެ ބައިތައް އަންނަ މަހު ތުރުކީވިލާތަށް ލިބޭނެކަމުގައެވެ. އެހެންކަމުން މިހިސާބުން މިމައްސަލަ ނިމުނީ ކަމަށާ މިކަމުގައި އެމެރިކާއާ މަޝްވަރާކުރަންޖެހޭ އެއްވެސް ކަމެއް މިހާރު ނެތްކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން މިހެން ވިދާޅުވީ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ރަޝިޔާއިން ގަތުމުގެ މައްސަލާގައި އެމެރިކާއިން ތުރުކީއަށް ހަރުކަށި އިންޒާރުތަކެއްދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ދަނޑިވަޅެއްގައެވެ. މި މައްސަލާގައި އެމެރިކާވަނީ އެގައުމުން އުފައްދާ އެފް 35 މަރުކާގެ ފައިޓާ ޖެޓް ދުއްވުމަށް އެމެރިކާގައި ތަމްރީންހަދާ ތުރުކީ އެއާފޯސް ޕައިލެޓުން އެ ތަމްރީން ޕްރޮގްރާމުން ވަކިކޮށް އަދި ތުރުކީއަށް ވިއްކާފައިވާ އެފް 35 މަރުކާގެ ފައިޓާ ޖެޓް ތުރުކީއާ ހަވާލު ނުކުރުމުގެ އިތުރުން މިމަރުކާގެ އިތުރު ޖެޓްތައް ދެން ތުރުކީއަށް ނުވިއްކުމަށް ނިންމާފައެވެ.
އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އެފް 35 މަރުކާގެ ޖެޓަކީ ލޭޒާ ގެ އެހީގައި ވަރަށް ދުރުގެ އަމާޒުތަކަށް ވަރަށް އެކިއުރޭޓްކޮށް މިސައިލާއި ބޮމުން ހަމަލާދެވޭ ފައިޓާ ޖެޓެކެވެ. އެ ޖެޓް އުފެއްދުމުގެ މަޝްރޫއުގައިވެސް ތުރުކީގެ ހިއްސާ އޮންނައިރު އެ މަޝްރޫއުގައި ތުރުކީ ސަރުކާރުން އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައިވެއެވެ. އަދި އެ ބޯޓުގެ ސްޕެއާ ޕާޓްސް އުފައްދާ ކާރުޚާނާތައްވެސް ތުރުކީގައި ބިނާކޮށްފައިވެއެވެ. ނަމަވެސް ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ތުރުކީން ގަންނާތީ އެމެރިކާވަނީ އެފް 35 މަރުކާގެ ޖެޓް އުފެއްދުމުގެ މަޝްރޫއުން ތުރުކީ ވަކިކުރާނެކަމުގެ އިންޒާރު ދީފައެވެ. މީގެއިތުރުން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އެމެރިކާ ވަނީ ދީފައެވެ.
އެމެރިކާ ބުނެފައިވަނީ ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ނިޒާމު ބޭނުންކުރާނަމަ އެފް 35 މަރުކާގެ ޖެޓް ބޭނުން ނުކުރެވޭނެ ކަމަށާ ތުރުކީއަށް ޖެހޭނީ މިއިން ކޮންމެވެސް އެއް ހަތިޔާރެއް އިޚްތިޔާރު ކުރަންކަމަށެވެ. އެމެރިކާގެ މި އިންޒާރާއެކު ތުރުކީ މިވަނީ އެމެރިކާގެ ހަތިޔާރުގެ މައްޗަށް ރަޝިޔާގެ ހަތިޔާރު އިސްކޮށް އެމެރިކާއަށް ބޯނުލަނބާނެކަން އަންގާފައެވެ. ތުރުކީއަކީ ޒަމާނުއްސުރެ އެމެރިކާގެ ބައިވެރިއަކަށްވެފައި އެމެރިކާގެ ހަތިޔާރަށް ބަރޯސާވާ ގައުމަކަށްވާއިރު ތުރުކީގެ މި ނިންމުމުގެ ސަބަބުން އެމެރިކާއާއި ތުރުކީގެ ޒަމާންވީ ގުޅުންތަކަށް މިވަނީ ބުރޫއަރާފައެވެ. މިއާއެކު ތުރުކީގެ ހަތިޔާރުގެ ބާޒާރު އެމެރިކާއަށް ގެއްލުމުގެ ބިރުވެސް މިހާރުމިވަނީ ހީވެފައެވެ.
އެމެރިކާގެ ހަތިޔާރުގެ މައްޗަށް ރަޝިޔާގެ ހަތިޔާރު އިސްކުރުމަށް ތުރުކީ ނިންމި ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ބާރާއި ނުފޫޒުގެ ވަކިތަކުން ސަލާމަތްވާންބޭނުންވާ ކަމުގެ މެސެޖް ހަރުކަށި ގޮތެއްގައި އެމެރިކާއަށް ދިނުމާއި ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ނިޒާމުގެ ޓެކްނޮލޮޖީގެ ފެންވަރު އެމެރިކާގެ ހަތިޔާރަށްވުރެ މޮޅުވުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)