އިނގިރޭސި ގައުމީ ޓީމު ސްކޮޑަށް ނޮވިޗް ސިޓީގެ ކީޕަރު ޖޯން ރޫޑީ ނެގުމަށް އެ ކުލަބުގެ ކޯޗު ޕޯލް ލެމްބާޓް ގޮވާލައިފި އެވެ. ގައުމީ ޓީމު ސްކޮޑަށް ރޫޑީ ނެގުމަށް ގައުމީ ކޯޗް ކަޕެއްލޯ އަށް ގޮވާލީ މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމުގެ އިތުރުން މިސީޒަނުގައި ރޫޑީ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ނެވެ.

މިސީޒަނަށް ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ނޮވިޗްގެ ކާމިޔާބީގައި އިސް ދައިރެއް އަދާ ކުރާ ކީޕަރު ރޫޑީ ވަނީ މިސީޒަނުގައި މުހިންމު ދަނޑިވަޅުތަކުން އެޓީމު ސަލާމަތް ކޮށްދީފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ލުއިސް ސުއަރޭޒް އުފެއްދި ހަމަލާގެ މޮޅު ދިފާއު އެވެ.

"ވަރުގަދަ، ބޮޑެތި މެޗުތަކުގައި މޮޅެތި ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާނެ. ރޫޑީ ވަރަށް ރަނގަޅަށް އެކަން އަދާކުރި. އަހަރެންނަށް އޭނާ އަކީ ވަރަށް މޮޅު ކީޕަރެއް. މިދިޔަ ސީޒަނުގެ މުހިންމު މެޗުތަކަކުން ވެސް އަހަރެންމެން ސަލާމަތް ކޮށްދިނީ ރޫޑީ. އިނގިރޭސި ޓީމަށް ރޫޑީ ނެގުމަށް އޭނާގެ ކުޅުމަށް ބަލާލުން މުހިންމު." ކޯޗް ލެމްބާޓް ބުންޏެވެ.

ކެމްބްރިޖް ޔުނައިޓެޑުން ފުޓްބޯޅަ ކެރިޔަރު ފެށި ރޫޑީ، ކެރޯ ރޯޑް އަށް ބަދަލުވީ އެވަޓަން އަށް ވެސް ކުޅުމަށް ފަހުއެވެ. ނަމަވެސް އެޓީމަށް ކުޅުނު ފަސް އަހަރު ގައި ކުޅެން ފުރުސަތު ލިބުނީ އެންމެ މެޗެކެވެ. އެދުވަސްވަރު އޭނާ ވަނީ ލޯނުގެ ދަށުން ކުލަބުތަކަކާއި ވެސް ގުޅިފައެވެ. ލޯނުގެ ދަށުން ރޫޑީ ކުޅެފައިވަނީ ވޯލްސަލް އަށާއި، ރުސްޑެން އެންޑް ޑައިމަންޑްސް އަށާއި، ޗެސްޓާ ސިޓީ އަށާއި، ސްޓޮކްޕޯޓް ކައުންޓީ އަށާއި، ރެކްސްހާމް އަށާއި، ބްރިސްޓަން ސިޓީ އަށާއި، ކުރޫ އެލެކްސްޑްރާ ގެ އިތުރުން މަދާވެލް އަށެވެ.
ގޯލް ކީޕަރުންގެ ޑިޕާޓްމަންޓުގައި ނޮވިޗް އަކީ މުއްސަދި ކުލަބެކެވެ. ނަވާރަ އަހަރުން ދަށުގެ އިނގިރޭސި ގައުމީ ޓީމަށް ކުރިން ކުޅުނު ކީޕަރު ޑެކްލަން ރޫޑް ވެސް އެކުލަބުގެ ކީޕަރުންގެ ޑިޕާޓްމަންޓުގައި ހިމެނެއެވެ. ރޫޑް މިހާރު ކުޅެމުންދަނީ ގައުމީ ޓީމުގެ 21 އަހަރުން ދަށަށެވެ.