25 Oct 2011, 13:14
މެންޗެސްޓާ ސިޓީ އިން ވަކިވެ، ދާން ބޭނުންވެފައިވާ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އެކުލަބުން ދޫކޮށްލަން ބޭނުންނަމަ، ޓެވޭޒްގެ ސޮއި ހޯދުމަށް ފަސް ނުޖެހޭނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.
މެންސިޓީ އަށް އެނބުރި ނާންނާނެ ކަމަށް ބުނަމުންދިޔަ ކާލޮސް ޓެވޭޒް މިހާރު ވަނީ އެކުލަބާއި އެކު ތާށިވެފަ އެވެ. އާއިލާ އާއެކު މެންޗެސްޓާ ގައި ފަސޭހަކަމާ އެކު ނޫޅެވޭ ކަމަށް ބުނެ ކުލަބު ބަދަލުވާނެ ބޭނުންވެފައިވާ ޓެވޭޒް އަށް ދިމާވާނެ އެންމެ ބޮޑު މައްސަލަ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ 18 ވަނަ ދުވަހުގެ ރޭ ޖަރުމަންވިލާތުގެ ބެޔާން މިއުން އަތުން 2-0 ލަނޑުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ދެކޮޅު ހެދި ކާލޮސް ޓެވޭޒް ދެކޮޅު ހެދުމުން މެންޗެސްޓާ ސިޓީއިން އޭނާގެ މި މައްސަލަ އަދިވެސް ދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.
މެންސިޓީ އިން ކުރަމުންދާ ތަހުގީގާއި ގުޅިގެން ޓެވޭޒް އަށް މެންސިޓީގެ ފުރަތަމަ ޓީމުގެ ޖާގައަކަށް އެނބުރި އައުމަށް ވެސް އުނދަގޫތަކަކާއި ކުރިމަތިވާނެ އެވެ. އެހެން ކަމުން ޓޮޓެންހަމް އިން ޓެވޭޒް އަށް ޖާގައެއް ލިބިއްޖެ ނަމަ، އެކަން ވާނީ އޭނާ އަށް ބޮޑު އުފަލަކަށެވެ.
"މެންސިޓީ އިން ޓެވޭޒް ދޫކޮށްލާނަމަ، އަހަރެން އޭނާ ހޯދާނަން. ލޯނުގެ ދަށުން އޭނާ ދޫކުރަން ބޭނުންނަމަ، މާދަމާ ވިޔަސް އޭނާގެ ސޮއި ހޯދުމަށް ތައްޔާރަށް ހުންނާނަން. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އޭނާގެ އަހުލާގާއި މެދު މީހުން އެއްޗެކޭ ބުންޏަސް އަހަރެން އެކަންތައްތަކާ އެއް ނުބެހޭނަން. އަހަރެން އޭނާ ބޭނުމީ އޭނާ އަކީ ދަނޑުގައި ކޮންމެ ގޮތަކަށް ވެސް ކުޅެވޭނެ މޮޅު ކުޅުންތެރިކަށް ވާތީ." ރެޑްނެޕް ބުންޏެވެ.
ޓެވޭޒް އާއި ނުލައި މެންސިޓީ އިން މިސީޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު އެއްވަނާގައި އޮތް މެންސިޓީ އިން އާދީއްތަ ދުވަހު ވަނީ މެންޔުނައިޓެޑް ކޮޅަށް ހަ ލަނޑު ޖަހާފަ އެވެ.