12 Jun 2019, 17:59
ސަސްޕެންޑުކޮށްފައިވާ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
އެގޮތަށް ނިންމީ އެ ކޮމިޝަނުން ބަލަމުން އަންނަ އޭނާއާ ގުޅޭ އަޚްލާގީ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ނުބުނެއެވެ.
އިބްރާހިމް ރަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިން ހައްޔަރުކުރި ބޭފުޅެކެވެ.
މަސްތުވާތަކެއްޗާއެކު އިބްރާހިމް ރަޝީދު ހައްޔަރުކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތިނަދޫ އިން ނެވެ. ނަމަވެސް ފަހުން ހައިކޯޓުގެ އަމުރެއްގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.
މިހާރު އުމުރުން 41 އަހަރުގެ އިބްރާހިމް ރަޝީދު ސަސްޕެންޑުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ އިބްރާހިމް ރަޝީދު މެޖިސްޓްރޭޓްކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ފާސްވީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މަސްތުވެގެން ހުރި ކަމުގެ ތުހުމަތުގައި އިބްރާހިމް ރަޝީދު ހައްޔަރުކުރިއިރު، އޭނާގެ ކައިރިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.