25 Oct 2011, 13:11
އާސެނަލް އާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް ކުލަބާއި އެކު ވާހަކަތައް ދެކެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެކުލަބުގެ އިނގިރޭސި ފޯވާޑް ތިއޯ ވަލްކޮޓް ބުނެފި އެވެ.
އާސެނަލް އާއެކު ވަލްކޮޓް ހަދާފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ހަމަވާއިރު، ސައުތެމްޓަން އިން 2006 ވަނަ އަހަރު ބަދަލުވެ ވަލްކޮޓް ވަނީ 2009 ވަނަ އަހަރު އާކޮށްފަ އެވެ. އިނގިރޭސި ފޯވާޑް ވަލްކޮޓް ވަނީ މިހާތަނަށް އާސެނަލް އަށް 186 މެޗު ކުޅެ 34 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
"އާސެނަލް އިން ދައްކާ ވާހަކަތަކަށް އަހަރެން އިޚްތިރާމް ކުރާނަން. ކުލަބާއި އެކު ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ކުރިއަށް ދާނެކަމަށް އުންމީދު ކުރަން. ގިނަ ކާމިޔާބުތަކަށް ނުލިބުނު ކަމަގައި ވޔަސް، މިއީ އަހަރެމެންނަށް އޮތް ބޮޑު ސީޒަނެއް." 'ދަ ޕީޕަލް' މަޖައްލާ އަށް ދިން އިންޓަވިއުއެއް ގައި ވަލްކޮޓް ބުންޏެވެ.
އުމުރުން 22 އަހަރުގެ ވަލްކޮޓް ބުނިގޮތުގައި، މިހާރު ލިބެމުންދާ ކާމިޔާތަކާއި މެދު އުފާކުރާ ކަމަށެވެ.
"ފަހަކަށް އައިސް މެޗުތަކުން އަހަރެމެންނަށް މިލިބޭ ކާމިޔާބީ ތަކާއި މެދު އުފާކުރަން. ޓީމު ވެސް އެކަމާއި އުފާކުރޭ. މާސެއިލް މެޗަށް ފަހު ޓީމު ކުޅުންތެރިންގެ ހިތްވަރު ވަނީ ވަރުގަދަ ވެފައި." ވަލްކޮޓް ބުންޏެވެ.
އާސެނަލް އަށް ކުޅެމުންދާ ވަލްކޮޓް އަކީ އިނގިރޭސި ގައުމީ ޓީމުގައި ވެސް އިސް ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. 2006 ވަނަ އަހަރު ސީނިއާ ގައުމީ ޓީމާއި ގުޅުމުގެ ކުރިން ވަލްކޮޓް ވަނީ އެގައުމުގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށާއި، 17 އަހަރުން ދަށުގެ ގައުމީ ޓީމަށާއި، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.