12 Jun 2010, 10:01
14:30
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، މީހުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް އެމްޑީޕީން ކުރި މަސައްކަތް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ފަށާފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީގައި ރޭ ބޭވި، ޑީއާރުޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު ތަސްމީން ވިދާޅުވީ، ސަރުކާރުގެ އެންމެމަތީ ވެރިން ފެށިގެން ފަށާފައިވާ އެ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުންތަކަށް ރައްޔިތުން މިފަހަރު ބޯ ނުލަނބާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އިންތިހާބަށް ބަލާއިރު، އެމްޑީޕީގެ ސަރުކާރަކީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ރައްޔިތުންނަށް ހުވަފެން ދައްކައި، ބިރުދެއްކުމުގެ ސަގާފަތެއް ގެންގުޅޭ ސަރުކާރެއްކަން ހާމަވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެ ހުރިހާ ކަންތައްތަކަށް ބަލައި މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވަރަށް އެކަށީގެންވާ ކާމިޔާބެއް ޑީއާރުޕީން ހޯދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން އަދި ވިދާޅުވީ، އިއްޔެ އަކީ ރާއްޖެ މިދެކޭ، ޒަމާނީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖެއަށް ތައާރަފް ކުރެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު، މުހިއްމު މަސައްކަތްފުޅުތަކެއް ފެއްޓެވިތާ ހަ އަހަރު ފުރުނު ދުވަސް ކަމަށެވެ. ރާއްޖެއަށް މި ބަދަލު ގެންނެވުމަށްޓައި، ރައީސް މައުމޫން، ސިޔާސީ އިސްލާހީ އެޖެންޑާ އިއްލާން ކުރެއްވިތާ ހަ އަހަރު ފުރުން ފާހަގަ ކުރައްވައި، ތަސްމީން ވަނީ ރައީސް މައުމޫނަށް މަރުހަބާ ވިދާޅުވެފައެވެ.