ޑިސެމްބަރު މަހު 2 ން 12 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ތިން މެޗު ކުރިއަށްދާނެ ދުވަސްތައް އެ ގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ކަނޑައަޅައިފި އެވެ.

މެލޭޝިއާ އާއި ދެކޮޅަށް ދެމެޗެއް އިންޑިއާ ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެއްމެޗު ނޮވެމްބަރު 13 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، އަނެއް މެޗު ކުރިއަށް ދާނީ ނޮވެމްބަރު 16 ގައެވެ. ދެމެޗުގެ ތެރެއިން އެއްމެޗު އިންޑިއާގެ ގުވަހައްތީ ގައި ބާއްވާއިރު، އަނެއް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކޮލްކަތާ ގައެވެ.

މީގެ އިތުރުން ޒެމްބިއާ އާއި ދެކޮޅަށް ވެސް އިންޑިއާ ގައުމީ ޓީމު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ނޮވެމްބަރު 29 ގައި ކުޅޭ މިމެޗު ކުރިއަށްދާނީ ގޯއާ ގައެވެ.

މިމުބާރާތުގައި ބައިވެރިވާ ބައެއް ގައުމުތަކުން ފަރިތަކުރުންތައް ފަށާފައިވާ އިރު، އަނެއްބައި ގައުމުތަކުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ މަޢުލޫމާތު ލިބެއެވެ. އެންމެ ކުރިން މިމުބާރާތުގެ ފަރިތަކުރުންތައް ފަށާފައިވާ ޓީމަކީ ނޭޕާލް އެވެ. ނޭޕާލް މިހާރު ވަނީ އާސިއާން ސަރަހައްދުގެ ހަތަރު ގައުމަކަށް އެއް މަސް ދުވަހުގެ ފަރިތަކުރުންތައް ފުރާފައެވެ.

ރާއްޖޭގެ ގައުމީ ޓީމު އަންނަ މަހުގެ ތިން ވަނަ ދުވަހު ޖަރުމަނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. މި ޓުއާގައި ޖަރުމަންގެ ދެވަނަ ޑިވިޝާނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައި ވެއެވެ.