12 Jun 2019, 13:10
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލާ މައްސަލައިގައި ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ ވެރިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީއިން މިއަދު ނިންމީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސްވެރިޔަކާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އަދި އިމިގްރޭޝަންގެ އިސްވެރިއެކެވެ.
އެބޭފުޅުން، ކޮމިޓީއަށް ހާޒިރު ކުރަނީ އަދީބު ރާއްްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމުގެ ގޮތުން އެވެ.
އެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. އެ ބައްދަލުވުން ސިއްރު ކުރުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވި އެވެ. އަދި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެކަމާ ދެކޮޅު ހައްދަވައިފި އެވެ.
ކޮމިޓީ ސިއްރު ކުރުމާ އެމްޑީޕީގެ މެންބަރުން ކުރެ، ދެކޮޅު ހެއްދެވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
ރިޔާސަތުން ނިންމެވީ، ކޮމިޓީ ސިއްރު ކުރުމާ މެދު ގޮތެއް ނިންމާނީ ހަވީރު އޮންނަ ކޮމިޓީގެ ބައްދަލުވުން ފެށުމަށް ފަހު ހާޒިރުވާ މުއައްސަސާތަކާ ވާހަކަ ދެއްކުމަށް ފަހު ގައުމީ ސަލާމަތަށް ނުރައްކާވާ ސިއްރު މައުލޫމާތެއް ހުރި ނަމަ ކޮމިޓީގެ މެންބަރުންގެ ވޯޓަކަށް ގޮސްގެން އެކަމުގައި ގޮތެއް ނިންމުމަށެވެ.
އެ މައްސަލަ މިއަދު ގައުމީ ސަލާމަތުގެ ކޮމިޓީއިން ބަލަން ފެށީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން އެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް އޭނާ ވަނީ ގަރާރުގައި އެދިފަ އެވެ.