25 Oct 2011, 13:05
މިއަހަރުގެ އަންހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ މުބާރާތް ޅ. ނައިފަރުގައި ބާއްވާގޮތަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެކެޒްކެޓިކް ކޮމިޓީ އިން ނިންމައިފި އެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތް ވެސް ރާއްޖޭގެ އަތޮޅެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ. އެގޮތުން މިމުބާރާތް ބޭއްވުމަށް ޝައުވެރިވާ ރަށްތަކުގެ ނަން ހުށަހެޅުމަށް އިޢުލާން ކުރުމުން ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ ޅ. އަތޮޅު ނައިފަރުން. މި ހުށަހެޅުންތައް ރަނގަޅަށް ބެލުމަށް ފަހު ނައިފަރުގައި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން ވާނީ ނިންމާފަ،" ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އަންހެން ގައުމީ ވޮލީބޯޅަ ބާއްވާފައި ވަނީ ފ. އަތޮޅު ނިލަންދޫގަ އެވެ. އެމުބާރާތުގައި ހަތް ޓީމާއެކު 84 ކުޅުންތެރިންނާއި 35 އޮފިޝަލުން ބައިވެރިވި އެވެ. 2009 ވަނަ އަހަރު ބޭއްވި މުބާރާތް ބާއްވާފައި ވަނީ ލާމު އަތޮޅު ފޮނަދޫގަ އެވެ. އެމުބާރާތުގައި 11 ޓީމު ބައިވެރިވެފައި ވެއެވެ.