ހަ ވަނަ އައިސީއެފް ކެރަމް ކަޕް ގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމު ނެގުމަށް ބާއްވާ ސިލެކްޝަން މިރޭ ކުރިއަށްދާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ޤައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް މިރޭ ކެރަމް ހޯލުގައި ބާއްވާ ސިލެކްޝަންގައި ދެ ޓީމަށް ވެސް ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައި ވަނީ ކެރަމް ސީޒަނުގައި ބޭއްވި މައިގަނޑު ތިން މުބާރާތުން ފާހަގަކުރެވޭ އެންމެ ރަނގަޅު ކުޅުންތެރިންނެވެ. އެގޮތުން ކޮންމެ ޓީމަކަށް ވެސް ހޮވަނީ ތިން ކުޅުން ތެރިން ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މިމުބާރާތަކީ ކެރަމްގެ ވޯލްޑް ކަޕް ފިޔަވައި ދެންކުޅެވޭ ބައިނަލް އަޤްވަމީ އެންމެ ބޮޑު އެއް ކެރަމް މުބާރާތެވެ.

އައިސީއެފް ކަޕް ގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫ.އެސް.އޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫ.އޭ.އީ ފަދަ ޤައުމުތައް ހިމެނެއެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެއޮތީ ތިން ވަނައިގަ އެވެ.