12 Jun 2019, 09:13
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާއިރު ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނަރު އޮފް ޕްރިސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކުރީގެ ނައިބު ރައީސް އަދީބު ބޭސްފަރުއާށް ރާއްޖޭން ބޭރަށް ފޮނުވަން ކަރެކްޝަނަލް ސާވިސްއިން ނިންމާފައިވަނީ މެޑިކަލް ބޯޑުން ބެލުމަށް ފަހު އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު މަޖިލީހަށް މައްސަލަ ހުށަޅުއްވަމުން މެމްބަރު މީކާއީލް ވިދާޅުވީ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރަށް ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ.
"އަހުމަދު އަދީބު ރާއްޖޭން ބޭރަށް ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހެ ކޮމިޓީއަށް ހާޒިރުކުރުމަށް އަޅުގަނޑު ހުށަހަޅަން." މެމްބަރު މީކާއީލް ވިދާޅުވި އެވެ.
މެމްބަރު މީކާއިލް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ގޮސްފި ނަމަ ދެން އޭނާ ނުގެނެވޭނެ ކަމަށެވެ.
އަދީބު ރާއްޖޭން ބޭރަށް ފުރަން ހަމަ ޖެހިފައިވަނީ މާދަމާ އެވެ. މާދަމާ އަކީ އަދީބު މިހާރު ތަންފީޒު ކުރަމުންދާ 15 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވެސް އަދީބު މިނިވަންވާ ދުވަހެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވަނީ ކަރެކްޝަންސްގެ ބޭފުޅުންނާއި ފުލުހުންގެ ބޭފުޅުންނާއެކު އެވެ.