ތިމާވެށީގެ ދުވަހާ ގުޅުވައިގެން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ޓްރޭޝް ޓެގުު އެމްވީގެ ނަމުގައި ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ރަށްރަށުގެ ގޮނޑުދޮށްތަކާއި ކުނި އަޅާފައި ހުންނަ ސަރަހައްދުތައް ސާފުކޮށް، ނަމޫނާ ދައްކަމުންދާ ކަމަށެވެ. އެގޮތުން އީދު ބަންދާ ދިމާކޮށް ރަށްރަށް ދިޔަ މުވައްޒަފުންނާއި ރަށްރަށުގެ ބްރާންޗުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް މި ކެމްޕެއިނުގައި ބައިވެރިވެ ރަށް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މުވައްޒަފުން ވަނީ ރަށުގައި ކުނި ގިނަ ސަރަހައްދުން ކުނި ނަގައި ސާފުކޮށް އެ ތަންތަން ރީތިކޮށްފައެވެ. ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް #TrashTagMV ހިމަނައިގެން ސޯޝަލްމީޑިއާގައި ހިއްސާކޮށް ފައިވާ ފޮޓޯ އިން މުވައްޒަފުން ކުރި މަސައްކަތް ފެނެއެވެ.

އެގޮތުން ކުޅުދުއްފުށި، ށ. މިލަންދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ.ގަން، ކ. ދިއްފުށި، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގއ. މާމެންދޫ ފުވައްމުލައް، އަދި އައްޑޫ ސިޓީގެ ރަށްތަކާ އަދި މާލޭގެ ސަރަހައްދުތަކުގެ ބޭންކުގެ މުވައްޒަފުން ވަނީ ސާފު ކުރުމުގެ މަައްކަތް އަމަލީގޮތުން ކޮށްފައެވެ.

މި ހަރަކާތް ފެށުނު ގޮތާ ގުޅޭގޮތުން ބޭންކުން ބުނީ، ހަރަކާތް ފެށުނީ ބޭންކުގެ މުވައްޒަފުންގެ މެދުގައި ކަމަށާއ އޭގެ ފަހުން މިހާރު އެހެން ފަރާތްތަކުންވެސް މި ހަރަކާތުގައި ބައިވެރިވަމުންދާ ކަމަށެވެ.

"މިއިން ދައްކުވައިދެނީ ތިމާވެށި ރައްކާތެރިކޮށް ސާފު މާހައުލެއްގައި ގާއިމްކުރުމަށް ދިވެހިން ބޭނުންވާކަމާއި އެކަމަށް ހުރި ޝައުގުވެރިކަން. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ބައެއް ހަރަކާތުގައި ބައިވެރިވެ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ހިނގައިދިޔުން،" މިހަރަކާތާ ގުޅޭގޮތުން ބޭންކުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޓްރޭޝް ޓެގް އެމްވީ ގެ މައިގަނޑު މަގްސަދަކީ، ތިމާވެށި ހިމާޔަތް ކުރުމަކީ އަދާކުރަންޖެހޭ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަަށްވުމާއެކު އެންމެން އެކުއެކީގައި މަސައްކަތްކޮށް ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދީ ހޭލުންތެރިކުރުވުމެވެ.

ބީއެއްއެލް ގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ޗެލެންޖަކީ އާންމުން ބަލައިގެން ޗެލެންޖެއް ކަމަށާއިއީދުގެ އުފާވެރި މާހައުލުގައި، އާއިލާތައް އަދި ރައްޓެހި ރަހުމަތްތެރިން އެކުވެގެން މި ޗެލެންޖް ފުރިހަމަ ކުރުމަށްފަހު މީސް މީޑިއާގައި ސާފު ކުރުމުގެ ކުރިން އަދި ސާފު ކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް ޝެއާ ކުރިތަން ފެނުނު ކަމަށޤ ބޭންކުން ބުންޏެވެ.

މި ހަރަކާތަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން މަރުހަބާ ދެންނެވި ކަމަށާއި އަދި އެ ހަރަކާތް އެންޑޯސް ކުރައްވާ ވީހާވެސް ގިނަ ބަޔަކު މިޗެލެންޖްގައި ބައިވެރިވެ ސާފުކުރުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވުމަށް މިނިސްޓަރުވެސް އެދިލެއްވި ކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ.

އެންވަޔަރަމެންޓުން ވަނީ ޓްރޭޝް ޓެގް އެމްވީ ހަރަކާތް އެންޑޯޒް ކޮށްފައެވެ.