25 Oct 2011, 12:14
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ޕްރޮގްރެސިވް ޕާޓީއޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ގާނޫނީ ފޯމްތައް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޗެކުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް މިއަދު ވިދާޅުވެއްޖެ. އަދި ވިދާޅުވީ ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.
މިދިއަ އާދީއްތަ ދުވަހު ޕީޕީއެމްގެ ޑޮކިއުމެންޓްތައް ޗެކުން ކުރަން ފަށާފައިވާނަމަ ކޮމިޝަނުން ބުނާ ނުވަ ދުވަސް ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހަށެވެ.
ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވި ގޮތުގައި މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ސިޔާސީ ޕާޓީތަކާބެހޭ ގަވާއިދުގައިވާ ގޮތުން ގާނޫނީ ފޯމްތައް ޗެކުކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމާއި، ޕާޓީގެ ގަވާއިދުގައި ގާނޫނު އަސާސީ އާއި ފުށުއެރުމެއް އޮތްތޯ ބަލައި މަގާމުތަކަށް އިންތިހާބުކޮށްފައިވާ ބޭފުޅުންނަކީ ޕާޓީގައި ރެޖިސްޓުރީ ވެފައިވާބޭފުޅުންތޯ ޗެކުކުރުމުގެ މަސައްކަތެވެ.
"އެއްގޮތަކަށް ވެސް އެހާ ދިގުމުއްދަތެއް ނުނަގާނެ އެ ޕާޓީ ރަޖިސްޓްރީ ކުރަން. މީގެކުރިން އުފައްދާ ފައިވާ އެމްއާރުއެމް [މޯލްޑިވިއަން ރީފޯމް މޫވްމެންޓް] އުފެއްދުމަށް ބޭނުންވާ ޑޮކިއުމެންޓްސް ހުށައެޅިތާ ނުވަވަރަކަށް ދުވަހު ގެތެރޭގައި އެ ޕާޓީވާނީ ރެޖިސްޓްރީ ކޮށްދެވިފައި. އެހެންކަމުން އެއަށްވުރެ ގިނަ ދުވަހެއް ހިއެއްނުވޭ ވާނެހެން ޕީޕިއެމް ރެޖިސްޓްރީ ކޮށްދޭކަށް" ފުވާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާނަތަށް ޕީޕީއެމުން ފޮނުވި ޑޮކިއުމެންޓްސް ޗެކުކުރި ކުރުމުން އެއްވެސް މައްސަލައެއް އަދި ދިމާނުވާކަމަށާއި، ބޮޑު މައްސަލައެއް ދިމާނުވާނަމަ ވަރަށް އަވަހަށް ޕާޓީގެ ރަޖިސްޓުރީ އެފަރާތާއި ހަވާލު ކުރައްވާނެ ކަމަށެވެ.
ޕީޕީއެމް އުފެއްދުމަށް ބާއްވަން ޖެހޭ ގާނޫނީ ޖަލްސާ މިމަހުގެ 15 ދުވަހުގެ ރޭ ބާއްވައި ޕާޓީގެ ކުލައާއި ލޯގޯއާއި މެނިފެސްޓޯގެ އިތުރަށް ޕާޓީގެ ވަގުތީ ރައީސާއި، ކައުންސިލަށް އިންތިހާބު ކުރުމަށް ފަހު ޕީޕީއެމް ރަޖިސްޓުރީ ކުރުމަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ލިޔެކިޔުންތައް އެ ޕާޓީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.