ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފިއެވެ.

ކަރެކްޝަންސް އިން ބުނީ އަދީބު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ، އެ ހުއްދަ ކަރެކްޝަންސް އިން އަދީބަށް ދީފައިވާ ކަމަށެވެ.

ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްތައް ކޯޓުން ބާތިލުކޮށްފައިވާއިރު، އެ މައްސަލަތައް އަލުން ބެލުމަށް ވަނީ ނިންމައިފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްގެންދިޔުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ ހުއްދައަށް އެކިފަހަރު އެދުނު ނަމަވެސް އެ ހުއްދަ މީގެ ކުރިން ދީފައެއް ނުވެއެވެ. އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް ނޮވެމްބަރު މަހު އޮޕަރޭޝަނެއް ކުރިއިރު، އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮލޮކޮމާ ޖެހި ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަދީބަށް ލިބެން ޖެހޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް އަދީބުގެ ފަރާތުން ވަނީ މީގެ ކުރިން އެޗްއާރްސީއެމްއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.