ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މިހާރު ބޭނުން ކުރަމުން ދަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ފުރަތަމަ "އޭޝިއާ ޕެސިފިކް ރީޖަނަލް ހައި ލެވެލް ފޯރަމް އޮން ގްރީން އިކޮނޮމީ" ގައި ތަގުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ނުފޯރާ އެއްވެސް ގައުމެއް ނެތްކަމަށާއި އެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ގައުމުތަކުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އިގުތިސާދަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއްދޭކަށް ޑރ. ހުސެއިން ވިދާޅުވި އެވެ. އަދި ޕީކް ލޯޑް ގެ 70 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާއިން "ގްރީން ޓެކްސް" ނަގަމުން ދާ ކަމަށާއި އެ ފައިސާ ބޭނުންކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެހި އިގުތިސާދީ ތަސައްވުރަކަށް ބަދަލުވުމަށް ގައުމުތައް އަމާޒުހިފާފައިވާއިރު މުހިންމު ފަސް ކަމެއް ކުރުމަށް މިނިސްޓަރު ވަނީ ލަފާއަރުވައިފަ އެވެ. އެގޮތުން މިދާއިރާއަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އިގުތިސާދީ ގޮތުން މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކީ ފެހި އިގުތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ އަދި ތިމާވެއްޓާއި ރައްޓެހި އިޖާދުތަކަށް ފުރުސަތުދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް ވަޒީރުވިދާޅުވި އެވެ.

"ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް. އެ ދާއިރާއިން އިންސާނީ ވަސީލަތްތަކާއި މުވައްސަސާތައް ތަރައްގީކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.