11 Jun 2019, 17:27
އައްޑޫ ސިޓީގައި ހުންނަ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްގީކުރާ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލަށް ދިނުމަށް ސިޓީ ކައުންސިލަށް ފެންނަ ތިން ނަމެއް އާންމުކޮށް އެ ނަންތަކަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެ ނަންތަކަކީ އީކުއެޓޯރިއަލް އައްޑޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް އަދި ސުވަދީވް ހޮސްޕިޓަލް މި ތިން ނަމެވެ.
އަދި މި ތިން ނަމުގެ އިތުރުންވެސް އިތުރު ނަމެއް ހުށަހަޅަން ބޭނުންވާ ފަރާތްކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ސިޓީ ކައުންސިލުގެ ޓްވިޓާ މެދުވެރިކޮށް އެ ނަންތައް ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ދެހާސް އެގާރަވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސާކު ސަމިޓަށް ހާއްސަކޮށްގެން ހިތަދޫގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވަން ނިންމާފައިވާއިރު، މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭ ހޮސްޕިޓަލް ބޭނުން ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރު ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާ އެކަމުގެއަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.