ކުރީގެ ގއ. އަތޮޅު އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޝީޒާ އަހުމަދު އެ އޮފީހުގެ ސިމްކާޑެއް އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަކަށް ބޭނުންކުރުމުގެ ކުށުގެ، ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ފެށި މައްސަލައިގެ ޝަރީއަތުގައި ދައުވާ ހުށަހަޅަމުން ޕީޖީގެ ވަކީލު ވިދާޅުވީ ގއ. ވިލިނގިލީ ޝަހީމީ މަންޒިލް، ޝީޒާ އަހުމަދު، އަތޮޅު އޮފީހަށް ލިބުނު މޮބައިލް ސިމްކާޑެއް އޭނާގެ ވަތްގަނޑުގައި ބާއްވައިގެން އޮފީހުގެ އެއްވެސް ވެރިއެއްގެ ހުއްދައާ ނުލައި ބޭނުންކޮށް ބިލަށް 3731.26ރ. އަރާފައިވާ ފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރި ތަހުގީގުން އެނގޭ ކަމަށެވެ. އަދި ބުނީ ޝީޒާގެ އަތުގައި ސިމް ބޭއްވުމަށް ފަހު އަމިއްލަ އަށް، ދެ މަހާއި17 ދުވަސް ވަންދެން ސިމް ބޭނުންކޮށް 3731.26ރ. ފޯނު ބިލަށް އަރައިފައިވާ އިރު އެ ފައިސާ ޝީޒާ ދައްކާފައި ނުވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަމަ އެމާއްދާގެ (ރ) އާއި ހަވާލާދީ އެވެ.

ދައުވާއަށް ޖަވާބުދާރީ ވުމަށް އޭނާ އަށް ފުރުސަތު ހުޅުވާލުމުން އޭނާ ބުނީ ޕީޖީން ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރުކުރާ ކަމަށެވެ. އަދި އިތުރު އެއްވެސް ވާހަކައެއް ޝަރީއަތުގައި ދައްކާނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ވަނީ އޭނާ އަށް ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދީފަ އެވެ.

ކޮރަޕްޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ސަރުކާރުގެ އެއްޗެއް މީހެއްގެ އަމިއްލަ ބޭނުމަކަށް ބޭނުންކޮށްފިނަމަ އެމީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލައްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދުކުރުމެވެ.

އަދި އެ ކުށެއް ކުރުމުގެ ސަބަބުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު އެމީހެއްގެ އަތުން ނަގައިދޭން ޖެހޭނެކަމަށް ވެސް އެ ގާނޫނުގައި ބުނެއެވެ.