11 Jun 2019, 15:10
ބަންދުކޮށްފައިވާ މާލޭ ޖަލު އެނެކްސްގައި އަދިވެސް މީހުން ބަންދުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ދެއްކި ވާހަކަ ކަރެކްޝަންސްއިން ދޮގުކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މާލޭގެ ޖަލަށް 2011 ،2014 އަދި 2017 ގައި ޒިޔާރަތްކޮށް އެކުލަވާލި ރިޕޯޓްގައި ބުނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މާލޭ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު ބަންދުކުރުން ހުއްޓާލައި އެތަނުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން އެހެންތަނަކަށް ބަންދުކުުރުމަށް އެންގި ކަމަށެވެ.
މަރާމާތު ކުރުމަށްޓަކައި ކަމަށްބުނެ މާލެ ޖަލުގެ އެނެކްސް 1 ގައި ތިބި ހުރިހާ ޤައިދީން އެކި ޖަލުތަކަށް ބަދަލު ކުރުމަށް ފަހު އެ ޖަލު މިދިޔަ އޭޕްރީލް މަހު ބަންދުކުރި ކަމަށް ކަރެކްޝަންސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް އެޗްއާރުސީއެމްއިން ބުނީ އެނެކްސް 1 ބަންދުކޮށް އެތަނުގައި ތިބި މީހުން އެހެނިހެން ތަންތަނަށް ބަދަލުކުރިނަމަވެސް އެނެކްސްގަައި ހުރި ގޮޅިތައް އެހެނިހެން ކަންކަމުގައި މީހުން ބަންދުކުރުމަށް ބޭނުންކުރާކަަމަށެވެ.
އެޗްއާރުސީއެމްގެ ރިޕޯޓްއަށް ރައްދުދީ ކަރެކްޝަންސްއިން ބުނީ ޖަލުތަކާ ބެހޭގޮތުން އެޗްއާރުސީއެމްއާ ހިއްސާކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ޝާއިއުކުރީތީ ކަންބޮޑުވާ ކަމަށެވެ.
" މާލޭ ޖަލު އެނެކްސްގައި މީހުން ބަންދުކޮށްގެން ގެންގުޅުން ވަނީ ހުއްޓާލައިފައި. ނަމަވެސް ޝަރުއީ ކޯޓުތަކަށް ހާޒިރުކުރެވޭ މީހުން ކޯޓުން ނިންމުމުން މާފުށީ ޖަލަަށް ފުރުވާލުމާ ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅުގަޑިއެއްހާއިރުގެ ވަގުތުކޮޅުގައި އެމީހުން އެނެކްސް ބިލްޑިންގްގައި އެމީހުން ބައިތިއްބަނީ މެންދުރުުގެ ކެއުމުގެ ކަންތައްތައް ހަމަޖައްސައިދީފައި ފުރުވާލުމަށް" ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.