ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ފަރާތުން އިންތިހާބުކޮށްފައިވާ މެމްބަރު ލަތީފާ ގާސިމް އިންތިހާބު ކޮށްފައިވަނީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ހިސާން އެހެން ވިދާޅުވީ ގާނޫނީ ފަންނުގެ ބިލަށް މިއަދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

މިހާރު ގާނޫނީ ފަންނުގެ ބިލުއޮތްގޮތުން ބިލު ފާސްވާ ހިސާބުން ލަތީފާ ގާސިމްގެ މަގާމު ގެއްލޭނެ އެވެ. އެގޮތަށް ބިލު އޮތުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ މިހާރު ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރައްވަން އިންނަވާ ވަކީލު އިންތިހާބުވެވަޑައިގަތީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކަމަށެވެ.

"ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ވޯޓު ލައިގެން ގާނޫނީ ވަކީލުންގެ ތެެރެއިން ގާނޫނުއަސާސީގައި ބަޔާންކުރާ މަގާމަކަށް ދާން ހޮވުނީމާ އެއީ ގާނޫނުއަސާސީގައި އެ ބަޔާންކުރާގޮތަށް އެތަނަށް ދެވޭ ބޭފުޅެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ މަގުސަދަކީ މި ބިލުގެ ޒަރިއްޔާއިން އެ ގޯސް ރަނގަޅު ކުރުން." ހިސާން ވިދާޅުވި އެވެ.

ގާނޫނީ ފަންނުގެ ބިލުގެ މުހިންމު ކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ ގާނޫނީ ވަކީލުންނަށް ހަމައެއް ނެތި ފިޔަވަޅުއެޅުން ހުއްޓުވުމަށް އެ ބިލު މަގުފަހިވެގެން ދާނެ ކަމަށެވެ.

ހިސާން ވިދާޅުވީ މިހާރު އޮންނަ އުސޫލުންނަމަ ވަކީލުންނަށް ފިޔަވަޅު ނޭޅޭނެ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ. "ވަކީލުންނާ މެދު ފިޔަވަޅު އަޅާފައި ނާޅާނެ ވަކި މުއައްސަސާއެއް މިހާރަކު ނެތް" ކަމަށް ހިސާން ވިދާޅުވި އެވެ.

ވަކީލުންގެ ކިބައިން ހިދުމަތް ހޯދާ ފަރާތްތަކުގެ ހިމާޔަތްވެެސް ބިލުން ކަށަވަރުވެގެންދާ ކަމަށް ހިސާން ވިދާޅުވި އެވެ.

"57 ވަކީލުން އެއްކޮށް ސަސްޕެންޑް ވެގެން ދިޔަ ވަގުތު މިފަަދަ މުއައްސަސާއެއް ނެތުން އެއީ އެވަގުތު ގާނޫނީ ވަކީލުންނަށް ދިމާވި އެންމެ އުނދަގޫ ދަތި ކަންތައް. ރާއްޖޭން ބޭރުގެ ބާ އެސޯސިއޭޝަންސް ތަކާއި ބާ ކައުންސިލުތަކުން އެ ވަކީލުންގެ ދިފާއުގައި އެއްޗެއް ބުނި އިރު ދިވެހި ރާއްޖޭގައި އެ ވަކީލުންގެ ދިފާއުގައި އެއްޗެއް ބުނާނެ މުއައްސަސާއެއް ނެތުން އެއީ ވަކީލުންގެ މަސައްކަތަށް ހުރަސް އެޅިގެން ދިޔަ އެއް ކަންތައް." ހިސާން ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލުގެ 68 ވަނަ މާއްދާގެ (ށ)ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ.

މީގެ ކުރިން މަޖިލީހުންވެސް ގާނޫނީ ފަންނުގެ ބިލު ފާސްކޮށްފައި ނުވަނީ އެ މާއްދާ އެގޮތަށް އޮތުމުންނެވެ. އެއީ ޖޭއެސްސީއަށް ވަކީލުން ފަރާތުން އިންތިހާބުކޮށްފައިވާ ލަތީފާ ގާސިމްގެ ދައުރު ހަމަނުވަނީސް މަގާމުން ދުރުވާ ގޮތަށް އެ މާއްދާ އޮތުމުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ އެވެ.