ރައްޔިތުން މަޖިލީހުގައި ހިމެނޭ ދާއިމީ 17 ކޮމިޓީގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީތައް އެކުލަވާލުމަށް ނެގި ވަގުތީ ކޮމިޓީއިން ނިންމައި މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުވި ގޮތުން ދާއިމީ 16 ކޮމިޓީއެއްގެ ޖުމްލަ 176 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް 132 ސީޓް ލިބޭނެ އެވެ. އެއީ ކޮމިޓީތަކުގެ 75 ޕަސެންޓެވެ. ޖޭޕީ އާއި ޕީޕީއެމްއިން ކުރެ ކޮންމެ ޕާޓީއަކަށް ކޮމިޓީތަކުގެ ހަ ޕަސެންޓް ލިބޭ އިރު، އޭގެއިން ކޮންމެ ޕާޓީއަކަށް ކޮމިޓީތަކުން ލިބޭނީ ޖުމްލަ 10 ސީޓެވެ.

ޕީއެންސީއަށް ކޮމިޓީތަކުން ޖުމްލަ ހަ ސީޓް ކަނޑައެޅިއިރު، އެމްޑީއޭއަށް ހަތަރު ސްލޮޓް އަދި އަމިއްލަ މެންބަރުންނަށް ޖުމްލަ 14 ސީޓް ކޮމިޓީތަކުން ލިބޭނެ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީއިން ބާރުލިބޭ، 241 ކޮމިޓީ (ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ) ގެ 13 މެންބަރުންގެ ތެރެއިން އެމްޑީޕީގެ އަށް މެންބަރުން ތިއްބަވަ އެވެ. އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތެރެއިން ކޮންމެ ފަރާތަކުން އެ ކޮމިޓީއަށް އެއް މެމްބަރަކު ހަމަޖައްސާނެ އެވެ.

އެ ހުށަހެޅުން ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި، އެ ހުށަހެޅުން ފާސްވީ، ވޯޓްގައި ބައިވެރިވެވަޑައިގަތް 80 މެންބަރުންގެ އިއްތިފާގުން އެވެ.

އެ އެކަން ފާސްކުރުމުގެ ކުރިން، މެންބަރުންގެ އަގުލަބިއްޔަތުން އިސްލާހެއް ވެސް މިއަދު ފާސްކުރި އެވެ. އެއީ އިމްތިޔާޒު އަދި ސްލޫކީ ކޮމިޓީއަށް އެމްޑީޕީ ފިޔަވައި ކޮންމެ ޕާޓީއަކުން އަދި އަމިއްލަ މެންބަރުން ކުރެ ބޭފުޅަކު ހަމަޖެއްސުމަށެވެ. އެހެން ކަމުން އެ ކޮމިޓީގެ މެންބަރުންގެ އަދަދު 13 އަށް އަރާނެ އެވެ.