ބަންދުކޮށްފައިވާ މާލޭ ޖަލު އެނެކްސްގައި އަދިވެސް މީހުން ބަންދުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މާލޭގެ ޖަލަށް 2011 ،2014 އަދި 2017 ގައި ޒިޔާރަތްކޮށް އެކުލަވާލި ރިޕޯޓްގައި ބުނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މާލޭ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު ބަންދުކުރުން ހުއްޓާލައި އެތަނުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން އެހެންތަނަކަށް ބަންދުކުުރުމަށް އެންގި ކަމަށެވެ.

މަރާމާތު ކުރުމަށްޓަކައި ކަމަށްބުނެ މާލެ ޖަލުގެ އެނެކްސް 1 ގައި ތިބި ހުރިހާ ޤައިދީން އެކި ޖަލުތަކަށް ބަދަލު ކުރުމަށް ފަހު އެ ޖަލު މިދިޔަ އޭޕްރީލް މަހު ބަންދުކުރި ކަމަށް ކަރެކްޝަންސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެޗްއާރުސީއެމްއިން ބުނީ އެނެކްސް 1 ބަންދުކޮށް އެތަނުގައި ތިބި މީހުން އެހެނިހެން ތަންތަނަށް ބަދަލުކުރިނަމަވެސް އެނެކްސްގަައި ހުރި ގޮޅިތައް އެހެނިހެން ކަންކަމުގައި މީހުން ބަންދުކުރުމަށް ބޭނުންކުރާކަަމަށެވެ. އަދި އެނެކްސްގައި ބަންދުުކުރުމަށް ފަހު އެބައިގައިތިބި އުމުރުން ދުވަސްވީމީހުން މީހުން މެޑިކަލް ވޯޑަށް ބަދަލުކޮށްފައިވާ ކަަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އޭގެ އިތުރުން ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތަށް ބަންދުކުރެވޭ މީހުން ވަކިން ބޭތިއްބުމަށް އެމީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނަށް ބަލައި މީހުން ގޮޅިތަކަށް ލުމަށް ހުށަހެޅިނަމަވެސް އެކަމަށް އަމަލުނުކުރާކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމްއިން ބުނީ ބިދޭސީންނަށް އެމީހުންގެ ގައުމުގައި ކުއްލި ހާދިސާތަކާއި ކާރިސާތަކުގައި އާއިލާތަކުގެ ހާލު އޮޅުންފިލުވޭނެ ގޮތެއްވެސް ނެތް ކަމަށެވެ.

ޖަލު ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތައް

  • ގައިދީން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގައި ގިނަ ދުވަސްވުން
  • ޖަލުގައި ސިއްހީ މައްސަލަތައް ހުރި މީހުން ގިނަވުން
  • ޖަލުގެ ޖާގައަށް ވުރެ ގިނަ މީހުން ޖަލުގައި ބަންދުކޮށްފައި ތިބުން
  • ޝަރީއަތް ކުރިއަށް ނުގޮސް އަދި ވާނުވާ ނޭނގި ގިނަ އަހަރު ޖަލުގައި ހޭދަކުރާމީހުން ގިނަވުން
  • މުވައްޒަފުން މަދުވެގެން ބަންދުގައި ތިބޭ މީހުން ކަސްރަތަށް ނުނެރުން
  • ކެއުން ބުއިމުގެ ފެންވަރު ދަށްވުން