އދ. އަށް 66 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އދ.ގެ ރާއްޖޭގެ ގޮފީގައި ހާއްސަ ހަފްލާއެއް އިއްޔެ ބާއްވައިފި އެވެ.

އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އެ ހަފްލާގައި އދ.ގެ ޖެނެނަލް ސެކެޓްރީ ބަންކީމޫންގެ ރެކޯޑްކޮށްފައިވާ ވީޑިއޯއެއް ދެއްކި އެވެ. އެ ވީޑިއޯގައި ބަންކީ މޫން ވިދާޅުވީ ދުނިޔެ މިއޮތީ ހަތް ބިލިއަން ވަރުގަދަވެފައިވާ ކަމަށާއި ދުނިޔޭގެ ސުލްހަ ހިފެހެއްޓޭނީ އދ.ގެ ގާނޫނުގެ ދަށުން މަސައްކަތްކޮށްގެންކަން ފާހަގަކުރެއްވި އެވެ.

"އެކަކު އަނެކަކަށް ބަލައިގެން" މި ޝިއާރުގެ ދަށުން ބޭއްވި އެ ބައްދަލުވުމުގައި ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް ހަތް ދުވަސްތެރޭގައި އަރާނެ ކަމަށް ބަލައި ކައުންޓް ޑައުންނެއް ފައްޓާފައިވެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖެ އަށް މިހާރު ބޭނުން ވަނީ ރަނގަޅު ހަރުދަނާ ޕްލޭން ކަމަށާއި ރާއްޖޭގެ އާއްމު ހާލަތު މިހާރު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އަދި ރާއްޖެ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޒުވާނުން މަސްތުވާތަކެއްޗަށް ދާދިއުމާއި ކަނޑުފޭރޭ މީހުންގެ އުދަނގުލާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވުމާއި ރާއްޖޭގެ ނާޒުކު ތިމާވެށި ކަމަށެވެ. އަދި އެކަންތައްތަކަކީ އދ. ފަދަ ތަޖުރިބާ ލިބިފައިވާ ބަޔަކާ ގުޅިގެން ނޫނީ ހައްލުނުކުރެވޭނެ ފަދަ ކަންތައްތަކެއް ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

"ރާއްޖެ އަށް މިހާރު ބޭނުން ވަނީ ރަނގަޅު ހަރުދަނާ ޕްލޭނެއް. މިކަމަށް ޔުނެޕް ، އދ. ފަދަ ޖަމިއްޔާތަކުގެ އިތުރުން ވޯލްޑް ބޭންކް ފަދަ ތަންތަނުން އަޅުނގަޑުމެންނަށް އެހީ ލިބޭނެ ކަމަށް ޔަގީންކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައީބް ރައީސް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުގައި ހަރުދަނާ މެންޑޭޓެއް ނެތުމުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުން ސަރުކާރުގެ އަތްދަށުކޮށްގެން ތިބޭކަން ފާހަގަކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް އދ. އަކީ އެފަދަ ބާރުވެރި އަނިޔާވެރި ސަރުކާރުތަކާ ދެކޮޅަށް މަސައްކަތްކޮށް، މުޅި ދުނިޔޭގެ ސުލްހައަށް ގޮވާލަމުން އަންނަ ބައެއް ކަމަށް ވިދާޅުވެ، އދ. އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވި އެވެ.