11 Jun 2019, 12:56
ހއ. ދިއްދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ދެ ޓީމެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި އެރަށުގެ ފުޓްސަލް ދަނޑަށް ގެއްލުންތަކެއް ދީފިއެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 11 ޖެހިއިރު ކުޅުނު މެޗެއްގައި ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމްގެ ކުޅުންތެރިންނާ ސަޕޯޓަރުން ދަނޑުގެ މެޓްތައް އަދި މުބާރާތަށް ދަނޑަށް ގެނެސްފައި ހުރި ގޮނިޑިތަކަށް ގެއްލުންދީފައިވާ ކަަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކޮށް ދެ ޓީމްގެ ދެމެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރި ކަމަށެެވެ. އަދި ކައުންސިލްއާ ގުޅިގެން އެ މެޗާމެދު ގޮތެއް ނިންމުމަށް އެދުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މުބާރާތުގައި އިތުރު ހަމަނުޖެހުމެއް އުފެދިދާނެތީ ފުލުހުން ދަނޑުގައި ސެކިއުރިޓީ ބަލަަހައްޓައިފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި އެއްވެސް މީހަކު ހައްޔަރުނުކުރާކަމަށް ފުލުހުން ބުންޏެވެ.