11 Jun 2019, 12:39
ގާނޫނީ ވަކީލުންގެ ހިއްސާއެއް ނެތި ލޯ ފާމް ނުހެދޭ ގޮތަށް ގާނޫނީ ފަންނުގެ ބިލު ޑްރާފްޓް ކޮށްފައި އޮތުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާނޫނީ ފަންނުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެކެވެ.
ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ބައެއް މެމްބަރުން ވަނީ ބިލުގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާނޫނީ ފަންނުގެ ބިލު 61 ވަނަ މާއްދާ - ޕާޓްނާޝިޕްތަކުން އުފައްދާ ލޯ ފާމް
- (ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކޮށްފައިވާ ޕާޓްނާޝިޕްތަކުގެ 80% ޕަސެންޓް ހިއްސާ މިލްކުވާން ވާނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށެވެ.
މެމްބަރުން ކަންބޮޑުވުން ފާޅުކުރީ ލޯ ފާމްތަކުގެ 80 ޕަސެންޓް ހިއްސާ އޮންނަން ޖެހޭނީ ހަމައެކަނި ގާނޫނީވަކީލުންގެ ކަމަށް ބުނާ ވާހަކައާ ގުޅިގެންނެވެ.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ގާނޫނީވަކީލުން ނޫން ފަރާތްތަކަށް ލޯފާމްތައް ނުހިންގޭ ގޮތަށް އޮތް އޮތުމަކީވެސް ކޮމިޓީ މަރުހަލާގައި ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ލޯ ފާމްތަކުގެ 80 ޕަސެންޓް ހިއްސާ ވަކީލުންގެ އޮންނަންޖެހޭ ގޮތަށް ލިޔެފައިވާ މާއްދާއަށް އެއްގޮތަކަށްވެސް ތާއީދު ނުކުރާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ނުޖެހޭ ލޯ ފާމެއް ހިންގާއިރު އެ ފާމެއް ނުވަތަ ޕާޓްނާޝިޕްގެ ހިއްސާ ވަކީލުންނަށް އޮންނާކަށް." ޔައުގޫބު ވިދާޅުވި އެވެ.
ޔައުގޫބު ހުށަހެޅުއްވީ އެ މާއްދާ އުވާލާށެވެ.
ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައި ވެއެވެ.