25 Oct 2011, 10:52
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބާ ބެހޭ ގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ އިންތިހާބާ ބެހޭ އެއްވެސް ކަމެއް ނުކުރުމަށް ހައިކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.
ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގަވާއިދުގެ 11.3 މާއްދާގެ (ށ) (ނ) (ރ) ބާތިލްކުރުމަށް ޔުނިވާސިޓީގެ ނުވަ ދަރިވަރަކު އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގަވާއިދުގެ އެ މާއްދާތަކާ ހަވާލާދީ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އައްޔަން ކުރުމަށް ޔުނިވާސިޓީން ކުރި އިއުލާނުގައި އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި ތިން ޝަރުތެއް ފާހަގަކޮށްފައިވެ އެވެ.
އުމުރުން 18 އަހަރުވެފައިވުމާއި ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމާއި ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ އެއްވެސް މަގާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ވެގެން ނުވާނެ ކަމަށް އެ ޝަރުތުތަކުގައިވެ އެވެ.
ޔުނިވާސިޓީގެ ނުވަ ދަރިވަރުން ހައިކޯޓަށް ހުށަހަޅި މައްސަލާގައި ވަނީ އެ ޝަރުތުތަކަކީ ބާތިލް ޝަތުތުތަކެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިމެންދެން އެއިންތިހާބާ ބެހޭ އެއްވެސްކަމެއް ނުކުރުމަށް ގައުމީ ޔުނިވާސިޓީގެ މައްޗަށް އަމުރުކުރާކަމަށެވެ.
"އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރަންދެން ނުވަތަ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބާ ބެހޭ އެއްވެސްކަމެއް ނުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މައްޗަށް އަންގައި އަމުރުކޮށްފީ މެވެ،" ހައިކޯޓުގެ އަމުރުގައިވެ އެވެ.