12 Jun 2010, 09:54
14:30
ވޯލްޑް ކަޕްގެ ގްރޫޕްގެ ބީގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ސައުތު ކޮރެއާ އާއި ގްރީސް ބައްދަލު ކުރާއިރު ގްރޫޕް ބީގެ ދެވަނަ މެޗްގައި މިރޭ އާޖެންޓީނާ އާ ނައިޖީރީއާ ބައްދަލުކުރާނެ، އަދި ގްރޫޕްގެ ސީގެ ފުރަތަމަ މެޗް ގައި މިރޭ އިންގްލޭންޑާއި އެމެރިކާ ވެސް ބައްދަލު ކުރާނެ އެވެ.
ދެކުނު އެފްރިކާގެ ޖޮހެނެސް ބާގުގައި އިއްޔެ ފެށި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ގަޑިން މިއަދު ހަވީރު 4:30 ގައި ގްރޫޕްގެ ބީގެ ފުރަތަމަ މެޗް ނެލްސަން މަންޑޭލާ ބޭ ސްޓޭޑިއަމް ގައި ސައުތު ކޮރެއާ އާއި ގްރީސް ބައްދަލު ކުރާއިރު މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗް ވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ.
ހޫ ޖަންގް މޫގެ ކޯޗު ކަމުގެ ދަށުން ސައުތު ކޮރެއާގެ ޓީމަކީ އޭޝިއާގެ ޓީމުތަކުގެ ތެރެއިން ވޯލްޑްކަޕްގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ ޓީމެވެ. ސައުތު ކޮރެއާ ވަނީ އަމިއްލަ ގައުމުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެޓީމް ވަނީ އޭޝިއާ ކަޕް 1956 ވަނަ އަހަރާއި 1960 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.
ސައުތު ކޮރެއާ ދެކޮޅަށް ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ އޮޓޯ ރެހާގެލްގެ އިރުޝާދު ދަށުން ގްރީސް މިއަދު ހަވީރު ނިކުންނައިރު އެ ޓީމަކީ ވެސް ވޯލްޑް ކަޕްގެ ތާރީޚުގައި މާބޮޑު ކާމިޔާބީއެއް ލިބިފައިވާ ބައެއް ނޫނެކެވެ. އެޓީމް މީގެ ކުރިން ވޯލްޑްކަޕަށް ކޮލިފައިވެފައި ވަނީ ހަމައެކަނި 1994 ވަނަ އަހަރެވެ. ނަމަވެސް އެޓީމް ވަނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ މެޗްގައި މިރޭ ނައިޖީރީއާ އާޖެންޓީނާ ޖޮހެނަސް ބާގް ގައި ބައްދަލު ކުރާއިރު އާޖެންޓީނާ މިރޭގެ މެޗަށް ނިކުންނާނީ ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެރެޑޯނާގެ އިރުޝާދުގެ ދަށުންނެވެ. އާޖެންޓީނާ ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރު. ބަދަލެއްނުވާ މަޑު ނޫކުލައިގެ ފައްދަމާފައި ހުރި ޖޯޒީ ގައި އާޖެންޓީނާ ނިކުންނައިރު އެ ޓީމަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލާނެ ބައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޯޗް ލާސް ލެޖަބެކްގެ އިރުޝާދުގެ ދަށުން ނައިޖީރިޔާ މިރޭ ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ވަރަށް ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެޓީމުގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު 1994 ވަނަ އަހަރާއި 1998 ވަނަ އަހަރު ވަނީ އެޓީމް ވަނީ މުބާރާތުގެ ދެ ވަނަ ބުރަށް ގޮސްފައެވެ. އެޓީމް އެންމެ ފަހުން ވޯލްޑްކަޕްގައި ކުޅެފައިވަނީ 2002 ވަނަ އަހަރެވެ. އެހެން ނަމަވެސް އެފަހަރު އެޓީމް މުބާރާތުން ވަކިވާން ޖެހުނީ ފުރަތަމަ ބުރުންނެވެ. އެހެންނަމަވެސް ނައިޖީރީއާއިން ބުނެފައިފައިވަނީ ސައުތުއެފްރިކާގައި އެޓީމް މިފަހަރު ކުޅޭ މެޗްގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.
ރާއްޖެ ގަޑިން މިރޭ 11:30 ގައި ރުސްޓެންބާގުގައި ކުޅޭ ގްރޫޕް ސީގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިންގްލޭންޑާއި އެމެރިކާ އެވެ. އިންގްލޭންޑަކީ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޔޫރަޕްގެ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ. އެހެންނަމަވެސް އަމިއްލަ ގައުމުގައި 1966 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފަހުން އިންގްލޭންޑަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި މާބޮޑު ކާމިޔާބެއް ލިބިފައެއްނުވެ އެވެ. އެހެން ނަމަވެސް ފަބިއޯ ކަޕެއްލޯގެ އިރުޝާދުގެ ދަށުން ނުކުންނަ އިންގްލެންޑް ޓީމުގެ އަމާޒަކީ މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުމެވެ.
އިންގްލެންޑާ ދެކޮޅަށް ބޮބް ބްރެޑްލީގެ އިރުޝާދުގެ ދަށުން އެމެރިކާ ނިކުންނައިރު އެޓީމް ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ސެމީ ފައިނަލާއި ކުއާޓަރ ފައިނަލްގައި ކުޅެފައެވެ. އަދި 1991 ވަނަ އަހަރާއި، 2002 ވަނަ އަހަރާއި 2005 ވަނަ އަހަރާއި އަދި 2007 ވަނަ އަހަރުގެ ގޯލްޑް ކަޕް ޔޫއެސް އޭ އިން ވަނީ ވަނީ ކާމިޔާބު ކޮށްފައެވެ. ފަހުގެ ތާރީޚެއްގައި އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ބެލެވިފައި ވަނީ މިދިޔަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލުގައި ކުޅުމެވެ.