10 Jun 2019, 19:58
މި މަހުގެ އަށް ވަނަ ދުވަހު މަގުމަތިން އަންހެނަކާ ފޮށި، ފުރައްސާރަކުރި ފިރިހެންމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 56 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
މަގުމަތިން އަންހެނަކާ ޖިންސީ ފުރައްސާރަކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް މައްސަލަ ފެންމަތި ކުރީ، އެކަމާ ކުރިމަތިލާން ޖެހުނު ޒުވާނާ އޭނާ އަމިއްލައަށް ޓްވިޓާގަ އެވެ.
ސޯޝަލް މީޑިއާގައި އޭނާ އެ މައްސަލަ ފެންމަތި ކުރަމުން ވަނީ، އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ފިރިހެން މީހާގެ ފޮޓޯވެސް އާންމުކޮށްފަ އެވެ. އެ ހާދިސާ ހިނގި ގޮތް ޓްވިޓާގައި ކިޔައި ދެމުން އޭނާ ބުނީ، އެ މީހާ އޭނާއަށް ފުރައްސާރަކުރީ އޭޑީކޭއާ ހަމައިން ކަމަށެވެ. އަދި އޭނާގެ ފަސްފަހަތުން ފުރައްސާރަކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެމީހާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި އިތުރު މީހަކު އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މި މައްސަލާގައި އިތުރު ވިކްޓިމްއެއް އުޅޭ ކަމަށް ފާހަގަކުރެވިފައިވާތީ، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9790163 ނުވަތަ ހޮޓްލައިން 3000600 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރެއްވުމަކީ މި ސާވިސްގެ ވަރަށް ބޮޑު އެދުމެއް،" ފުލުހުން ބުންޏެވެ.