10 Jun 2019, 17:21
މިއަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނީ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މައްސަލަ ބަލައިގަތުމަށްފަހު އެފަރާތަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ.
އެ މައްސަލާގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހެޅި ދެ ފަރާތެއް ޕްރޮޕޯސަލާއެކު ހުށަހަޅަން ލާޒިމްކުރާ ބައެއް ބައެއް ލިޔުންތައް ހުށަހަޅާފައިނުވާއިރު، އެ ދެ ފަރާތް އިވެލުއޭޝަންގައި ބައިވެރިކޮށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދޭނެ މިންގަނޑެއް ލިޔުމުން އާންމުކޮށްފައިވީނަމަވެސް، ބައެއް ބައިތަކަށް ޕޮއިންޓްދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކަކީ ސަބްޖެކްޓިވް މިންގަނޑުތަކަކަށްވެފައި ޕޮއިންޓްދިނުމުގައި ޕްރޮޕޯސަލްތައް އަޅާކިޔުމަށްފަހު އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިކަމަކީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދިނުމުގައި ހަމަހަމަ އުސޫލެއް ނެތި، ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވެއެވެ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ހުށަހެޅި ޝަކުވާއަށް ބަލާއިރު، އިވެލުއޭޝަންގައި ޕޮއިންޓްދިނުމުގައި އަމަލުކޮށްފައިވާގޮތުން ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.