10 Jun 2019, 16:23
މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ގާނޫނީ ފަންނުގެ ބިލަކީ ގާނޫނީ ވަކީލުން އަޅުވެރިކަމުން މިންޖުވާނެ ބިލެއް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ގާނޫނީ ފަންނުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. ގާނޫނީ ފަންނުގެ ބިލަކީ ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓަން ބާ ކައުންސިލެއް އުފައްދާ ގޮތަށް އެކުލަވާފައިވާ ބިލެކެވެ.
މިހާރު ވަކީލުންގެ ކަންކަން ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ދަށުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ގާނޫނީ ފަންނުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ސިރާޖު ވިދާޅުވީ އެ ބިލަކީ ކޮންމެހެން މަޖިލީހުން ފާސްކުރަން ޖެހޭ ބިލެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ކޯޓުތަކަށް ވަދެފައިވާ ނުރަނގަޅު ނުފޫޒު ހައްލުކުރަން ވަކީލުން ވާހަކަދެއްކުމުން ވަކީލުންނަށް ސުޕްރީމް ކޯޓުން ބިރު ދައްކާފައިވާ ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑު ފާހަގަކުރަން އެޓާނީ ޖެނެރަލް އޮފީހުގެ ބެލުމުގެ ދަށުގައި ވަކީލުންގެ ކަންތައް ބެލުން އޮއްވައި ސުޕްރީމް ކޯޓުން ވަނީ މައްސަލަތައް އުފުއްލަވާ އުސޫލުގެ މަތިން ހިތުހުރި ގޮތަކަށް ވަކީލުންގެ ކަންތައް ބެލެހެއްޓުމާވެސް ހަވާލުވެފައި،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުން ހިތްޕުޅާ ނުވާ ޓްވީޓެއް ކުރިކަމަށް ވީނަމަވެސް އެ ވަކީލަކު ހާޒިރުކޮށް ބިރުދައްކަމުން ދިޔަ މަންޒަރު ފެެނިގެން ދިޔަ ކަމަށެވެ.
ކޯޓުތަކުގެ މައްސަލަތައް ފާހަގަކޮށް ޕެޓިޝަން ހުށަހެޅި 56 ވަކީލަކު އެއްފަހަރާ ސަސްޕެންޑްކުރިކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ ފަނޑިޔާރުގެއިން ވަކީލުން ބަލަހައްޓާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ވަކީލުންނަށް މިނިވަންކަމާއެކީގައި ފަނޑިޔާރުގޭގައި ހުރި މައްސަލަތައް ފާހަގަކުރެވެން ޖެހޭނެ. އެ މަންޒަރުތައް އެންމެ ކައިރިން ފެންނަ ބަޔަކީ ވަކީލުން ކަމަށް ވާއިރު ވަކީލުންނަށް ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ އެއްވެސް ބިރުވެރިކަމެއް ނެތި ދެކެވޭނެ މާހައުލެއް ގާއިމުކުރެވެން ޖެހޭނެ. އެ މާހައުލު ގާއިމުކުރެވޭނީ މި ބިލު ވީހާވެސް އަވަހަކަށް ފާސްކޮށްގެން،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ގާނޫނީ ވަކީލުން ހިޔާލެއް ފާޅުކުރާއިރަށް ބަޔާން ނަގާ ބިރުދެއްކުމަކީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި އެކަން ސުޕްރީމް ކޯޓުން ދަސްކުރަންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓު އިސްވެ އޮވެ އެކުލަވާލި މަގުޗާޓަށްވެސް ސިރާޖު ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ގާނޫނަކުން ގަވައިދަކުން ގާނޫނުއަސާސީއަކުން މަގުޗާޓު އެކުލަވާލުމުގެ ބާރު ސުޕްރީމް ކޯޓަށް ނުލިބޭ ކަމަށެވެ. އެއީ "ލައިސަންސް ނެތް މީހަކު އުޅަނދު ދުއްވުން ކަހަލަ ކަމެއް"ގެ ގޮތުގައި ސިރާޖު ފާހަގަކުރެއްވިއެވެ.
ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައި ވެއެވެ.