10 Jun 2019, 15:59
ބަންޑާރަނައިބު ހިމެނޭ ގޮތަށް ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވާލައިގެން ބާ ކައުންސިލު މިނިވަން ނުވާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ގާނޫނީ ފަންނުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ބިލުގައި ވާގޮތުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވާލެވޭނީ ނުވަ މެމްބަރެގެ މައްޗަށެވެ. އޭގެތެރޭގައި ބަންޑާރަނައިބު ހިމެނެއެވެ.
ބަންޑާރަނައިބު އޮފީހުގައި 10 އަހަރު ދުވަހު މަސައްކަތްކޮށް، ބަންޑާރަނައިބުގެ ނައިބުކަންވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވީ ބަންޑާރަނައިބަކީ މިނިވަން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭ މީހެއް ނޫން ކަމަށެވެ.
"ހައެއްކަ ބަންޑާރަނައިބުންނާ އެކީ އަޅުގަނޑަށް މަސައްކަތް ކުރެވިއްޖެ. ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަންޑާނައިބަކީ މިނިވަންކަމާ އެކީގައި މަސައްކަތްކުރަން ޖެހޭނެ މީހެއްކަމަށް ކިތަންމެ ވަރަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް އަޅުގަނޑުގެ އެކްސްޕީރިއެންސާ އެކީގައި އަޅުގަނޑަށް ދަންނަވަން ކެރިދާނެ ބަންޑާރަނައިބުން ނަންގަވާ ޑިޒިޝަން 80 ޕަސެންޓް އެ ބިނާވެގެން ވަނީ ސިޔާސީ ކަންކަމަށް،" ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވިއެވެ.
އެހެންވީމަ ބަންޑާރަނައިބު ބާ ކައުންސިލުގެ ހިންގާ ކޮމިޓީގައި އިންނެވުމަކީ އެ ކައުންސިލުގެ މިނިވަކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ބާ ކައުންސިލު މިނިވަންކުރުމަށް ބިލު ފާސްކުރުމުގެ ކުރިން އެކަން ބަދަލުކުރަންޖެހޭ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.
ގާނޫނީ ފަންނުގެ ބިލު ފާސްވެ ގާނޫނަކަށް ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް އިންތިހާބެއް ބާއްވާން ޖެހެއެވެ. ފުރަތަމަ އިންތިހާބު ބޭއްވުމުގެ މަސްއޫލިއްޔަތު ބިލުން ހަވާލުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާއެވެ.
ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައި ވެއެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލުގެ 68 ވަނަ މާއްދާގެ (ށ)ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. މިއަދުގެ އިބްތިދާއީ ބަހުސްގައި މެމްބަރު އުޝާމް ވިދާޅުވީ، އެއީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށެވެ.
މީގެ ކުރިން މަޖިލީހުންވެސް ގާނޫނީ ފަންނުގެ ބިލު ފާސްކޮށްފައި ނުވަނީ އެ މާއްދާ އެގޮތަށް އޮތުމުންނެވެ. އެއީ ޖޭއެސްސީއަށް ވަކީލުން ފަރާތުން އިންތިހާބުކޮށްފައިވާ ލަތީފާ ގާސިމްގެ ދައުރު ހަމަނުވަނީސް މަގާމުން ދުރުވާ ގޮތަށް އެ މާއްދާ އޮތުމުންނެވެ.