10 Jun 2019, 14:40
ސަރުކާރުން ދޭ ދަރިވަރުންގެ ލޯނުގެ އުސޫލު މުރާޖާކޮށް މާދަމާ ބާކީ ހުރި ޖާގަ ތަކަށް އަލުން ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުންދޭ ދަރިވަރުންގެ ލޯނަށް 242 ޖާގައަށް ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މާޗު މަހު 21 ވަނަ ދުވަހުވެ. ނަމަވެސް ފުރަތަމަ ބުރުގައި ލޯނަށް ޝަރުތު ހަމަވީ، އެންމެ 79 ދަރިވަރަކަށެވެ. ލޯން ސްކީމަށް ބާކީ ހުރި 163 ސްލޮޓްތަކަށް މިމަހު 20 ވަނަ ދުވަހު އަލުން ހުޅުވާލާނެ ކަމަށް މީގެ ކުރިން އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް، މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނަށް އެހީ ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް މުރާޖާ ކުރުމަށްފަހު، ލޯނު ނުދީހުރި ބާކީ ސްލޮޓް ތަކަށް މާދަމާ ނުވަތަ މިއަދު އާ ބުރަކަށް ހުޅުވާލާނެ ކަމަށެވެ.
"ނަމަވެސް އުސޫލުގަ އެބަހުރި ބައެއް ކަންތައްތައް ދަރިވަރުންނަށް އެ އަށް ވުރެ ލުއިފަސޭހަކޮށް އެޕްލިކޭޝަން ހުށައެޅުމަށް މަގުފަހިކޮށްދެވިދާނެ ކަންތައްތައް. އަޅުގަނޑުމެން ނިންމީ އުސޫލު މުރާޖާކޮށް، ކުރިއަށްވުރެވެސް ދަރިވަރުންނަށް ފަސޭހައިން ލޯނަށް ކުރިމަތިލެވޭނެ ގޮތަކަށް މަގުފަހިކޮށްދިނުމަށް،" މިނިސްޓަރު، ޑރ. އިބްރާޙިމް ހަސަން ވިދާޅުވި އެވެ. "މިއަދު ނޫނީ މާދަމާ އާ ބުރަކަށް ކުރިމަތިލުމަށް ހުޅުމާލެވޭނެ ކަމަށް އުންމީދު ކުރަނީ،"

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: މާދަމާ ލޯނަށް ކުރިމަތިލުމުގެ އާ ބުރަކަަށް ހުޅުވާލާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ، ދެވަނަފަހަރަށް ލޯނަށް ހުޅުވާލާއިރު، ދަރިވަރުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން، ފުރަތަމަ ބުރުން ޑިސްކޮލިފައިވި ދަރިވަރުންނަށް ކުރިގެ އެޕްލިކޭޝަނަނަށް ވަދެވޭނެ ކަމަށާއި އެހެން ކަމުން އަލުން ލޯނަށް ކުރިމަތިލާއިރު، އެ ދަރިވަރުންނަށް އަލުން އެޕްލިކޭޝަން ފުރުމުގެ ބަދަލުގައި ކުރީގެ އެޕްލިކޭޝަންގައި އިސްލާހު ކުރަންޖެހިފައިވާ ކަންތައް އިސްލާހު ކުރެވޭނެ ކަމަށެވެ.
"އޭރަށް [ޑިސްކޮލިފައިވި ދަރިވަރުންނަށް] އެޕްލިކޭޝަން ފުރިހަމަކޮށް ޓައިޕްކުރާކަށް ނުޖެހޭނެ. ކުރިން ދަރިވަރު ޑިސްކޮލިފައިވި ސަބަބު ބަލާފައި، އެކަން އެކުއްޖަކު ރަނގަޅު ކުރަން ޖެހޭނެ މިފަހަރު އެޕްލައި ކުރާނެ،" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
ފުރަތަމަ ފަހަރު ލޯނަށް ހުޅުވާލުމުން 993 ފަރާތަކުން ލޯނަށް އެދި ހުށަހެޅި އެވެ. އޭގެތެރެއިން 914 ދަރިވަރެއްގެ އެޕްލިކޭޝަން ޑިސްކޮލިފައިވި އެވެ.
ފުރަތަމަ ބުރުގައި އެހާ ގިނަ ކުދިންނަށް ޑިސްކޮލިފައިވީ، ދަރިވަރުން އުސޫލާ އެއްގޮތަށް ފޯމު ހުށަހަޅާފައި ނުވާތީ މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ބައެއް މި ލޯނު ސްކީމް ހުޅުވާލެވުނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ކަމަށާއި ނަމަވެސް 106 ދަރިވަރުން ރާއްޖޭގައި ކިޔެވުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ލޯނު ދިނުމަށް ހަމަޖެހިފައި ނުވާ ގައުމުތަކުގައި ވެސް ކިޔެވުމަށް 192 ދަރިވަރުން ފޯމު ހުށަހަޅާފައިވުމަކީ ވެސް ގިނަ އަދަދެއްގެ އެޕްލިކޭޝަންތައް ޑިސްކޮލިފައިވި ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެޓެސްޓް ކޮށްފައި ނެތުމުގެ ސަބަބުން 183 އެޕްލިކޭޝަން އަދި ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅާފައިނުވާތީ 271 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓް ކޮށްފައެވެ.
މީގެ އިތުރުން އެހެނިހެން ސަބަބުތަކާހުރެވެސް، ފޯމުތައް ޑިސްކޮލިފައި ވެފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، 242 ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރުންނަށެވެ. މި ކަމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.